ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ޖިހާދުކުރަމުންދާ ހަމާސް ޖަމާޢަތުގެ އިސްވެރިޔާ އަދި ސިޔާސީ ލީޑަރު އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ވަނީ ހުރިހާ ގައުމެއްވެސް ބައިނައްލަޤުވާމީ ގަވައިދުތަކާއި ބައިނައްލަޤުވާމީ އިންސާނީ ގާނުނުތަކަށް ބޯލަނބާ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢުދުވާން ހުއްޓުވައި، ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް ގޮވާލައްވާފައެވެ.
ހަނިއްޔާ އަވަހާރަކޮށްލެވުނީ އީރާނުގެ އަލަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް ޑރ. މަސްޢޫދު ޕެޒެޝްކިއާންގެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ޒިޔާރަތްކުރައްވާފައި ހުންނެވިއިރުއެވެ. މި ރަސްމިއްޔާތުގައި ހަނިއްޔާ ބައިވެރިވެވަޑައިގެންނެވުމަށްފަހު، އީރާނުގައި ހުންނެވި އެ މަނިކުފާނުގެ ގެކޮޅަށް ވަޑައިގަތުމާ ދާދި ކައިރި ވަގުތެއްގައި ދެވުނު ހަމަލާއެއްގައި އަވަހާރަކޮށްލެވުނެވެ.
އީރާނުގެ އެތެރޭގައި ރޭވިގެން މިފަދަ ނުރައްކާތެރި ހަމަލާއެއް ދެވުނު ސަބަބު ދެނެގަތުމަށް ފުޅާ ދާއިރާއެއްގައި ތަޙްޤީޤެއް ފަށާފައިވާ ކަމަށް އީރާނުގެ ފަރާތުން ބަޔާންކޮށްފައިވެއެވެ. ހަމާސް ޖަމާޢަތުން ބުނެފައިވަނީ މިއީ އިޒްރޭލުން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށާއި، މި ހަމަލާގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.