ހުޅުމާލޭ މަގުތަކުގެ ދުވާރުމަތީ ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒުތައް މިމަހު 10 ގެ ކުރިން ނުނަގާނަމަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެތަކެތި ނަގާނެކަން އަންގައިފި އެވެ.

އެޗްޑީސީން މިހެން ބުނީ މިއަދު އެކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައެއެވެ.

މީގެކުރިން 2 ފަހަރެއްގެ މަތިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖުތެރޭގައި ބަހައްޓާފައިވާ ގޮނޑިތަކާއި މޭޒުތައް ނެގުމަށް އަންގާފައެވެ.

އެޗްޑީސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކުރިން އެންގި އެންގުމަށް ގިނަ ފަރާތްތަކުން އިޖާބަ ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ކޯޕަރޭޝަނުން ވަނީ ދުވާރު މަތިން ތަކެތި ނެގުމަށް ސުންގަޑިއެއް ދީފައެވެ.

މީގެއިތުރުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގޮނޑިއާއި މޭޒު ނުނަގާނަމަ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެޗްޑީސީން އެތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރޭގައި ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.