ބިދޭސީއަކު ޑީޕޯޓްކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ކަނޑައަޅައި އެމީހުންނަށް ފިޔަވަޅެއް އަޅަނީ ވަރަށް ބޮޑަށް ތަހުގީގުކުރަމަށްފަހުގައި ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.
ޝައްމާން މިހެން ވިދާޅުވީ ރޭ "ސަންގުޓީވީ" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވުންނެވެ.
މި ޕްރޮގްރާމްގައި ޝައްމާން އިތުރަށް ވިދާޅުވީ މާރުކޭޓު ގޮޅި ހިމެނޭހެން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަން ފާހަގަވެގެން ބިދޭސީއަކު އަތުލައިގަންނަ ފަހުން ގިނަ އަދަދެއްގެ ދިވެހިންގެ ސިޓީވެސް އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ.
މީގެއިތުރުން އިމިގްރޭޝަން، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުވި ފަހުން އެ މަސައްކަތް ހިންގަމުން ގެންދަނީ ފުލުހުންނާއި އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯހެއް މެދުވެރިކޮށް ކަމަށެވެ. އެހެންވެ ބިދޭސީއަކު ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ކަނޑައަޅަނީ ވަރަށް ފުރިހަމައަށް ބެލުމަށް ފަހު ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.
އަދ ބިދޭސީއަކާމެދު އެކްޝަން ނަގަނީ ހަމައެކަނި މިހެން އަންނަ ޝަކުވާއެއްގައި މީހަކު ބުނާ ބުނުމުގެ މައްޗަކަށް ނޫންކަމަށާއި އެއަށް ވަގުތުކޮޅެއް ވެސް ނަގަނީ މައުލޫމާތު ސައްހަ ކަން ކަށަވަރުކުރަން ކަމަށްވެސް ޝައްމާން ވިދާޅުވިއެވެ.
ހަމައެއާއެކު ޝާމިން ވިދާޅުވީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދަނީ ކޮންމެވެސް ވަރަކަށް ދިވެހިންނާ ގުޅިގެން ކަން ފާހަގަވާ ކަމަށާއި އިމިގްރޭޝަނުން ފިޔަވަޅުތައް ހަރުކަށި ކުރި ފަހުން ކޮންމެ ވެސް ވަރަކަށް ގެންގުޅޭ އުކުޅުތައްވެސް ބަދަލުކުރަމުންދާ ކަމަށެވެ.
މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން 200 އަށް ވުރެ ގިނަ ތަންތަން ބަލައިފާސްކޮށް 2000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވެ އެވެ.