ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގާލްގައިޑުންނަށް "މެޕް ރީޑިންގ އެންޑް ޕާތު ފައިންޑަރ" ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.

ފުވައްމުލަކު ސިޓީގައި ހުންނަ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސަސް (އެމްއެންޑީއެފް)ގެ ސަދަން އޭރިއާ ކޮމާންޑުން، "މެޕް ރީޑިންގ އެންޑް ޕާތު ފައިންޑަރ" ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ. އެ މަރުކަޒުގައި މިހާރު ކުރިއަށްދާ ގާލްގައިޑު ކޭމްޕުގެ ތެރެއިން އޮގަސްޓް 3 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގައި 58 ދަރިވަރުން ބައިވެރިވިއެވެ.

މި ސެޝަންގައި އެމްއެންޑީއެފުން ވަނީ މެޕް ރީޑިންގއާ ގުޅޭގޮތުން ތިއަރީ ސެޝަންއެއް ނަގައިދީފައެވެ. މި ސެޝަންގައި ޗާޓެއް ބަލައިގެން އެއް ތަނުން އަނެއް ތަނަށް ދާނެ ގޮތްތައް ދަރިވަރުންނަށް ވަނީ ކިޔަވައިދީފައެވެ. އަދި ކިޔަވައިދެވުނު ބައިތަކުގެ ބޭނުންކޮށް، ލޮކޭޝަން ޕޮއިންޓްތަކެއް ދީ، އެ ތަންތަނަށް ދާނެ ގޮތުގެ ފަރިތަކުރުންތައް ވެސް މި ސެޝަންގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި މުދައްރިބުންގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.