ޕްރިމިއާ ލީގުގެ އާ ސީޒަނަށް ތައްޔާރުވުމަށް ޓަކައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 3-0 އިން ކާމިޔާބުކޮށް, ލިވަޕޫލުން އެމެރިކާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަން ޓުއާ ފެންވަރުގަައި ނިންމާލައިފިއެވެ.
އެމެެރިކާގެ ވިލިއަމްސް ބްރައިސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ލިވަޕޫލުގެ ފަރާތުން ފެނިގެންގޮސްފައި ވަނީ ތަފާތު ކުޅުމެކެވެ. އެ ގޮތުން މެޗު ފެށިގެން 10 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ, މި ދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ މަތިން ހަލް ސިޓީއަށް ކުޅުމަށްފަހު އެނބުރި ލިވަޕޫލާ ގުޅުނު, ފަބިއޯ ކަރަވަޅޯއެވެ.
ލިވަޕޫލުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ލިވަޕޫލުގެ ހުނަރުވެރި ފޯވާޑް މުހައްމަދު ސޮލާހު ފަހިކޮށްދިން ފުރުސަތަކުން ކާޓިސް ޖޯންސް ކާމިޔާބު ކުރި ލަނޑެކެވެ. ކާޓިސްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-0 އިން ލިވަޕޫލު ކުރީގައި އޮވެގެންނެވެ.
ލިވަޕޫލުން މެޗުގައި ކާމިޔާބު ކުރި ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ގޯލްކީޕަރު މަތަކުރި ބޯޅައެއްގެ ރީބައުންޑް ގޯލުގެ ތެރެއަށް ވައްދާލައިގެން ކޮސްޓަސް ސިމިކަސް ކާމިޔާބު ކުރި ލަނޑެކެވެ. ސިމިކަސްގެ ލަނޑާއެކު ލިވަޕޫލުން ވަނީ 3-0 އިން ޒަމާންވީ ވާދަވެރިން ކަމުގައިވާ ޔުނައިޓެޑު ބަލިކޮށް ޕްރީ ސީޒަން ޓުއާ މޮޅަކުން ނިންމާލާފައެވެ.
މި މޮޅާއެކު ލިވަޕޫލު ދެން ނިކުންނާނީ 11 އޮގަސްޓު ވާ ދުވަހު ސެވިއާއާ ދެކޮޅަށެވެ. މިއީ އެ ޓީމު އާ ސީޒަން ފެށުމުގެ ކުރިން ކުޅޭނެ ފަހު މެޗެވެ. އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑު ދެން ނިކުންނާނީ އެފްއޭ ކޮމިއުނިޓީ ޝިލްޑު ކާމިޔާބު ކުރުމުގެ އުއްމީދުގައި އަވައްޓެރި ވާދަވެރިން ކަމުގައިވާ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.