ޕްރިމިއާ ލީގުގެ އާ ސީޒަނަށް ތައްޔާރުވުމަށްޓަކައި ޗެލްސީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 4-2 އިން މެންޗެސްޓާ ސިޓީ ކާމިޔާބު ކޮށްފިއެވެ.
އެމެރިކާގެ އޮހާއޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން 4 ވަނަ މިނެޓުގައި ސިޓީގެ ސްޓަރިކަރު އާލިންގް ހާލަންޑް ވަނީ ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައި, އެ ޓީމަށް މެޗުގެ ލީޑު ނަގާފައެވެ. އޭގެ އެއް މިނެޓު ފަހުން ހާލަންޑް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް, އެންމެ 5 މިނެޓު ތެރޭ ދެ ގޯލުގެ ލީޑެއް ސިޓީއަށް ނަގައިދީފައެވެ.
ސިޓީގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފީލްޑަރު އޮސްކާ ބޮބްއެވެ. ބޮބް ލަނޑު ޖެހިތާ އެއް މިނެޓު ފަހުން ހާލަންޑް ވަނީ ލަނޑު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް, ސިޓީއަށް ހަތަރު ލަނޑުގެ ލީޑެއް ނަގާދީފައެވެ.
ސިޓީއިން ހަތަރު ގޯލުގެ ލީޑެއް ނެގުމާއެކު ޗެލްސީއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. އެ ގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގް ވަނީ ލަނޑު ޖަހާ ޗެލްސީއަށް ސުންކަނޑާލަދީފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި ނޯނީ މަޑުއޭކޭ ވަނީ ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ސިޓީއާ ދެމެދު އޮތް ފަރަގު އިތުރަށް ކުޑަކޮށްފައެވެ.
މެޗުގެ ވަގުތު ހަމަވަގެން ދިޔައިރު އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު ޗެލްސީއަށް ވަނީ ޕްރިމިއާ ލީގުގެ ޗެމްޕިއަނުން ކުރިމަތީ ބަލި ގަބޫލުކުރަން ޖެހިފައެވެ.
މި ލިބުނު މޮޅާއެކު ސިޓީ ދެން ނިކުންނާނީ އެފްއޭ ކޮމިއުނިޓީ ޝިލްޑް ހާސިލުކުރުމުގެ އުއްމީދުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ. ޗެލްސީ ދެން ނިކުންނާނީ 7 އޮގަސްޓު ވާ ދުވަހު ވަރުގަދަ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.