ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި 2 މީހެއްގެ ވަނަވަރު އާންމުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިކަން ހާމަކޮށްފައިވަނީ އެފަރާތުގެ ރަސްމީ "އެކްސް" އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައެވެ.

ފުލުހުން ބުނީ ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލަށް، މިމަހުގެ އެއްވަނަ ދުވަހު ގެއްލުންދީ ރޯކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ 2 ފިރިހެނުން ކަމަށެވެ. އަދި އެއީ ހެނބަދޫ ސެލްވިޔޯ، އިލްޔާސް އިބްރާހީމާއި އެރަށު ހުދުތަރި، މުހައްމަދު އިރުޝާދު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ މި ދެ މީހުން ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުދީފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފުލުހުން މިފަހުން އަންނަނީ އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރަމުންނެވެ.