3 ޖޫން 2024 ވީ ހޮނިހިރު ދުވަހުގެ ރޭ މީރާގެ 14 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި، މީރާއިން "ގުޅިގެން މީރާ"ގެ ނަމުގައި އިނިޝިއޭޓިވްއެއް އިފްތިތާހުކޮށްފިއެވެ.

މިރާއިން ބުނީ މި އިނިޝިއޭޓިވް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ޝަރަފުވެރި މެހެމާނުގެ ގޮތުގައި މާލީ ވުޒާރާގެ މިނިސްޓަރ، ޑރ. މުހައްމަދު ޝަފީގް ބައިވެރިވެޑައިގެން މި އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވައިފައިވާ ކަމަށެވެ.

އަދި މި އިވެންޓްގައި މިނިސްޓަރ ޝަފީގްގެ އިތުރުން، މީރާގެ ކޮމިޝަނަރ ޖެނެރަލް ހަސަން ޒަރީރާއި، ޑެޕިއުޓީ ކޮމިޝަނަރ އަސްމާ ޝަފީއު، މީރާގެ ކުރީގެ ކޮމިޝަނަރ ޖެނެރަލް ފަތުހުﷲ ޖަމީލާއި މީރާގެ ކުރީގެ އަދި މިހާރުގެ އިސްބޭފުޅުންނާއި، ބޯޑު މެންބަރުންނާއި އަދި މީރާގެ މުވައްޒަފުން ބައިވެރިވެފައިވާ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެއިތުރުން މީރާއިން ބުނެފައިވަނީ 'ގުޅިގެން މީރާ' ގެ މަގުސަދަކީ މީރާ އާއި ޓެކްސްދައްކާ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ޓެކްސްދައްކާ ފަރާތްތަކުން މީރާއަށް ކުރާ އިތުބާރު އިތުރުކުރުމާށާއި، މީރާގެ ސްޓޭކްހޯލްޑަރުންނާ (ޓެކްސްދައްކާ ފަރާތްތައް، ޓެކްސް އެޖެންޓުން، ޓެކްސް ކޮންސަލްޓަންޓްސް، ދައުލަތުގެ އެހެނިހެން އިދާރާތައް، އާންމު ރައްޔިތުން) އޮންނަ ގުޅުން ވަރުގަދަކޮށް، ވޮލަންޓަރީ ކޮމްޕްލަޔަންސް އިތުރުކުރުމަށްޓަކައި މީރާއިން ކުރިއަށްގެންދާ އިނިޝިއޭޓިވްއެއްކަމަށެވެ.

އަދި މި އިނީޝިއޭޓިވްގެ ދަށުން މީރާއިން ދެމުންއަންނަ ޚިދުމަތްތައް އިތުރަށް ފަހިކޮށްދީ، ޓެކްސްދައްކާ ފަރާތްތަކަށް ޓެކުހުގެ ޒިންމާ އެފަރޓްލަސްކޮށްދިނުމަކީ މީރާގެ އަމާޒެއްކަމަށް މީރާއިން ފާހަގަކުރިއެވެ.މި އިނީޝިއޭޓިވްގެ ދަށުން މީރާގެ މުވައްޒަފުންގެ މެދުގައިވެސް ހަރަކާތްތަކެއް ރާވައިފައިވާކަން އެ އިދާރާއިން ފާހަގަކުރެއެވެ.