ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްގެންދާ ރައްކާ ރޯޑް ޝޯވ 2024ގެ ތެރެއިން، އެ ސިޓީގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީފިއެވެ.
މި ސެޝަނުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ކިޔައިދީފައިވެެއެވެ. އަދި މަގުމަތީގައި ބޭނުންކުރާ އެކި ނިޝާންތަކާއި އެ ނިޝާންތަކުގެ ބޭނުމާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެއިތުުރުން، މަގު ހުރަސްކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެދީ މަގުމަތީގެ ގަވާއިދުތަކާއި ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.އަދި މަގުމަތީގެ އަދަބުތަކާއި ރިވެތިބަހުން މުއާމަލާތުކުރުމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި އޮގަސްޓު މަހުގެ 3 އިން 18 އަށް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވ 2024ގައި، ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމުއިއްޔާތަކަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމް، ފަހިރާސްތާ، ރޯޑް ސޭފްޓީ ހިނގާލުމާއި ރަށުގެ އެކި މަގުތަކުގައި ބިލްބޯޑު ހަރުކުރުމުގެ އިތުރުން ވޮލީބޯޅަ މުބާރާތާއި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން ވޮލީބޯޅަ މުބާރާތާއި ސްކޫލު ޓްރެފިކް މޮނީޓާސް ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރައްކާ ރޯޑް ޝޯވ އަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ހޭލުންތެރިކަން އިތުރުކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ސެޝަނުގައި ފުވައްމުލަކު ސްކޫލުގެ ގްރޭޑް 1 އިން 5 އަށް ތައުލީމު ހާސިލު ކުރަމުންދާ 95 ދަރިވަރުންނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލު ކުރަމުންދާ 291 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަނުގައި މައުލޫމާތު ދެއްވީ ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުވައްޒަފުންނެވެ.