ރާއްޖޭގެ ދެކުނު ސަރަހައްދުތަކުގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން ބުނީ ގއ. ވިލިނގިލީގެ 2 ވަނަ ފިޔަވައްސާއި ގދ. ތިނަދޫ 2 ވަނަ ފިޔަވަހީގެ އިތުރުން ގދ. ގައްދޫގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް ކުރިއަށް ދާ ކަމަށެވެ.

އެގޮތުން ގއ. ވިލިނގިއްޔަަށް ބަލާލާއިރު އެރަށު މޫސާ މަގު ކޮނުމުގެ މަސައްކަތާއި ވައިޖެހޭ މަގުގައި ކާރބް ސްޓޯން ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ކަތްދަގޭމަގުގެ ސްޓޯރމް ވޯޓަރ ޓެންކް ބެހެއްޓުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އާރްޑީސީއިން ބުނެއެވެ. 28 އޭޕްރީލް 2022 ގައި ހަވާލުކުރި މި މަޝްރޫއަކީ 98 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ.

މީގެއިތުރުން ގދ. ތިނަދޫގައި އާރްޑީސީއިން ދަނީ ރަށްދެބައި މަގު އަދި ޑެއިޒީ މަގުގައި ދުވާރު ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކެބޭލް ޖަންކްޝަން މަތިގަނޑު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް އާރްޑީސީއިން މައުލޫމާތު ދެއެވެ. ތިނަދޫ މަގު ހެދުމުގެ މަޝްރޫއު އަކީ 78 މިލިއަން ރުފީއާގެ މަޝްރޫއެކެވެ. މި މަޝްރޫއު ހަވާލުކުރެވިފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ.

އަދި އެ އަތޮޅު ގައްދޫގެ އޯކިޑް މަގުގައި މަގު ކޮނުމުގެ މަސައްކަތާއި އެމަގު އެކްސްކަވޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އާރްޑީސީއިން ބުނެއެވެ. ގައްދޫގެ މަގު ހެދުމުގެ މަޝްރޫއު އަކީ 139 މިލިއަން ރުފީއާގެ މަޝްރޫއެކެވެ. މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރެވިފައިވަނީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ.

އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައިވެސް އެކި މަސައްކަތްތައްކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންނެވެ.