ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތްދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ

ރާންސްޕޯޓް މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ އިއްޔެ އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައެވެ. އަދި އެ މިނިސްޓްރީން މިހާރު ވަނީ އެ ހިދުމަތްދޭނެ ބަޔަކު ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލާފައެވެ.

އެގޮތުން އެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި ހިދުމަތުގެ ދަށުން ދެ މައިގަނޑު މަސައްކަތެއް ކުރަން ޖެހޭނެއެވެ. އެއީ ސަރުކާރުގެ އެމަޖެންސީ މެޑިކަލް ހިދުމަތުގެ ތެރެއިން ބަލިމީހުން އުފުލުމާއި ޓޫރިސްޓް ރިސޯޓްތަކަށް ފަތުރުވެރިން އުފުލެމެވެ.

މީގެއިތުރުން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ހުށަހެޅުންތައް ހުށަހަޅަންވާނެ ކަމަށް އިނގިރޭސި ބަހުން ކުރެވުނު އިއިލާނުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ހިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް ދިހަ އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

1990 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ދިޔައީ ހެލިކޮޕްޓަރުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ. ހަމިންބާޑުގެ ނަމުގައި އޭރު އޮޮޕަރޭޓްކުރަމުންދިޔަ ހެލިކޮޕްޓަރުގެ ހިދުމަތް ހުއްޓާލީ އޭރު ދިމާވި ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުންނެެވެ.