ކްލަބުތަކުގެ އެކަޑަމީއިން ފުރަތަމަ ޓީމާ ގުޅޭ ކުޅުންތެރިން ވިއްކަން ޖެހެނީ ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެނަބިލިޓީ ރޫލްސް (ޕީއެސްއާރް) ގަވާއިދުގެ ދަށުން އެކަން މަޖުބޫރު ކުރާތީ ކަމަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކޯ ބުނެފިއެވެ.
މާދަމާ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގެ ކުރިން ވާހަކަދައްކަމުން މަރެސްކާ ބުނި ގޮތުގައި ޕްރިމިއާ ލީގުގެ ޕީއެސްއާރް ގަވާއިދުގެ ސަބަބުން އެކަޑެމީއިން ފުރަތަމަ ޓީމާ ގުޅޭ ޒުވާން ކުޅުންތެރިން ވިއްކަން މަޖުބޫރުވާ ކަމަށެވެ.
ޕްރިމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނަބިލިޓީ ރޫލުސް ނުވަތަ ޕީއެސްއާރް ގަވާއިދުގައި އޮންނަ ގޮތުގައި އެކަޑެމީއިން ފުރަތަމަ އެގާރައާ ގުޅޭ ކުޅުންތެރިއަކު އެހެން ކްލަބަކަށް ވިއްކާލައިގެން ލިބޭ ފައިސާގެ 100% ސާފު ފައިދާގެ ގޮތުގައި މާލީ ރިޕޯޓަށް އެރުވޭނެއެވެ.
"ޗެލްސީގެ އެކަޑެމީއިން އަންނަ ޒުވާން ކުޅުންތެރިން ވިއްކަން ޖެހުމަކީ ޗެލްސީގެ މައްސަލައެއް ނޫން. މިއީ ޕްރިމިއާ ލީގުގެ ގަވާއިދުތަކުގެ ސަބަބުން ދިމާވާ މައްސަލައެއް. މާލީ ފައިދާއަށް ޓަކައި ހުރިހާ ކްލަބުތަކަށް ވެސް މި ވަނީ އެކަޑެމީއިން އަންނަ ކުޅުންތެރިން އެހެން ކްލަބުތަކަށް ވިއްކަން ޖެހިފަ" މަރެސްކާ ބުންޏެވެ.
މަރެސްކާ މިހެން ބުނެފައި މި ވަނީ ދާދި ފަހުން, ޗެލްސީގެ އެކަޑަމީއިން ފުރަތަމަ ޓީމަށް ގުޅުން ކުޅުންތެރިޔެއް ކަމަށްވާ ކޮނާ ގެލެގާ އެޓްލެޓިކޯ މެޑްރިޑަށް ވިއްކާލުމުން, ޗެލްސީގެ މެނޭޖްމަންޓަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ގެލެގާއަކީ ކުޑައިރުންސުރެ ޗެލްސީއަށް ކުޅެމުން އަންނަ ކުޅުންތެރިޔެއް ކަމުގައިވިއަސް, ކްލަބުގައި ބެހެއްޓުމުގެ ބަދަލުގައި އެޓްލެޓިކޯއަށް ވިއްކާލުމުން ޗެލްސީގެ ވެރިޔާ ކަމުގައިވާ ޓޮޑް ބޮއެލީއަށް ވަނީ އެ ކްލަބުގެ ސަޕޯޓަރުންގެ ނުރުހުން ރައްދުވެފައެވެ.