މަސްތުވާތަކެތީގެ މައްސަލައެއްގައި މާލޭގެ އެޕާޓްމަންޓަކުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން އޮގަސްޓު 3 ވަނަ ދުވަހު ހިންގިއޮޕެރަޝޭނައްގައި މާލޭގެ އެޕާޓްމަންޓަކުން މަސްތުވާތަކެތި ވަނީ ހޯދައިގަނެވިފައެވެ.

މި އެޕާޓްމަންޓް ބަލައި ފާސް ކުރުމުން ފުލުހުންނަށް ވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 72.1 ގްރާމެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ މީހަކާއި 35 އަހަރުގެ މީހެކެވެ.

މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 21 އަހަރުގެ މީހާ 15 ދުވަހަށް އަދި 35 އަހަރުގެ މީހާ 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.