އެޓްލެޓިކޯ މެޑްރިޑަށް, އާޖެންޓީނާގެ ޒުވާން ސްޓްރައިކަރު ޖޫލިއަން އަލްވަރޭޒް ވިއްކާލަން މެންޗެސްޓާ ސިޓީއިން އެއްބަސްވެއްޖެއެވެ.

އިޓަލީގެ އިތުބާރުހިފޭ ޖާނަލިސްޓު ފަބްރީޒިއޯ ރޮމާނޯ ސޯޝަލް މީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައި ވަނީ ސިޓީއިން އެޓްލެޓިކޯ މެޑްރިޑަށް އަލްވަރޭޒް ވިއްކާލަން އެއްބަސްވެއްޖެ ކަމަށެވެ. ފަބްރީޒިއޯ ހާމަކުރި ގޮތުގައި ސިޓީ ވަނީ އަލްވަރޭޒްގެ އަގެއްގެ ގޮތުގައި 100 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއް ކަނޑައަޅާފައެވެ.

އެޓްލެޓިކޯއިން މިހާރު ވަނީ އަލްވަރޭޒްގެ އޭޖެންޓް ކަމުގައިވާ ހިޑަލްގޯއަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ފޮނުވާފައެވެ. އަލްވަރޭޒް, އެޓްލެޓިކޯއާ ގުޅުމަށް ޓަކައި މެޑިކަލް ޓެސްޓުތައް ހެދުމުގެ ތައްޔާރީޔައް ފެށުމަށް ހަމަޖެހިފައިވަނީ އެޓްލެޓިކޯއިން އޭނާގެ ކޮންޓްރެކްޓްގެ ފަހު މަރުހަލާތައް ފުރިހަމަ ކުރެވުމުންނެވެ.

އަލްވަރޭޒް މެންޗެސްޓާ ސިޓީއާ ގުޅުނީ 2022 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ ވަނީ އެ ކްލަބަށް 103 މެޗު ކުޅެދީ 36 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ސިޓީގައި އަލްވްރޭޒްގެ ކުޅުން ރަނގަޅު ކަމުގައިވިއަސް ނޯވޭގެ އާލިންގް ހާލަންޑް ފަހާލައި ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭތީ އޭނާ މި ވަނީ ސިޓީ ދޫކޮށް, އެޓްލެޓިކޯ މެޑްރިޑަށް ދާން އެއްބަސްވެފައެވެ.