ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްޞަ ސެޓިފިކޭޝަން ކޯސްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، ޕޮލިޓެކްނިކްގެ ދަސްވާރުންނާއި ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު، މި ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވައި، ފަންނީ ޤާބިލު ޖީލެއް އުފެއްދުމަށްވެސް މަގުފަހިކުރެވޭނެއެވެ.

ސްޓެލްކޯގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ފަހުމުނާމާގެ ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ޢަމަލީ ތަޖުރިބާ ހޯދައިދިނުމާއި، ވަސީލަތްތައް ހިއްސާކުރުމެވެ. މީގެ ތެރޭގައި، ޕޮލިޓެކްނިކުން ސްޓެލްކޯއަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމާއި، ޕޮލިޓެކްނިކުގެ ދަސްވާރުންނަށް ސްޓެލްކޯގައި އިންޑަސްޓްރިއަލް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދިނުމާއި، ޕޮލިޓެކްނިކުގެ މުދައްރިސުންނާއި ދަރިވަރުންނަށް ސްޓެލްކޯގެ މަސައްކަތްތައް ބެލުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. އަދި ސްޓެލްކޯއިން ޕޮލިޓެކްނިކަށް ކޯސްތަކަށް ބޭނުންވާ އިކުއިޕްމަންޓްތަކާއި އާލާތްތައް ހޯދައިދިނުމުގައި އެހީތެރިވުން ވެސް ހިމެނެއެވެ.

މި ފަހުމުނާމާގެ މަޤްޞަދަކީ ދެ މުއައްސަސާގެ ގުޅުން ބަދަހިކޮށް، ތަޢުލީމާއި ޢަމަލީ ތަޖުރިބާ އެއްކޮށްގެން ދާއިރާއަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތައްޔާރުކުރުމެވެ.