އާ ސީޒަނަށް ތައްޔާރުވުމަށް ޓަކައި މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގައި ޗެލްސީ އަތުން 2-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ކާމިޔާބު ކަމާއެކު ޕްރީ ސީޒަން ނިންމާލައިފިއެވެ.

ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގައި މިއަދު ފަތިހު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެޗުގައި އެންމެ ފުރަތަމަ ސުންކަނޑާލީ ރެއާލުންނެވެ. މި ލަނޑަކީ މެޗުގެ 19 ވަނަ މިނެޓުގައި އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު, ލޫކަސް ވަޒްކޭޒް ކާމިޔާބު ކުރި ލަނޑެކެވެ.

ވަޒްކޭޒް, ރެއާލަށް ލީޑު ނަގައިދިންތާ 8 މިނެޓު ފަހުން މޮރޮކޯގެ ޒުވާން ފޯވާޑް, ބްރާހީމް ޑިއާޒް ވަނީ ލަނޑެއް ކާމިޔާބު ކޮށް, ރެއާލުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.

ރެއާލުން މެޗުގެ ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ޗެލްސީއިން ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 39 ވަނަ މިނެޓުގައި ލަނޑު ޖަހާ ދެ ޓީމުގެ މެދުގަައި އޮތް ފަރަގު ކުޑަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނޯނީ މަޑުއޭކޭއެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެ ގޮތުން ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ޗެލްސީގެ އެންކުންކޫއަށް ވަނީ ހުސްކޮށް ގޯލަށް ޖެހުމަށް ފުރުސަތެއް ލިބިފައެވެ. ނަމަވެސް ގޯލުގެ ކުރިމަތިން އޭނާއަށް ބޯޅަ ލިބުނު އިރު އޭނާ ބެލެންސް ކަޓާފައި ހުރުމުން އޭނާއަށް ވަނީ ބޯޅަ ގޯލާ އަމާޒުކުރެވޭ ގޮތް ނުވެފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުންކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވުމުން ރެއާލަށް ވަނީ މެޗު ކާމިޔާބު ކުރެވިފައެވެ. މި މެޗުން މޮޅުވުމަކީ ރެއާލުން އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ބަލިވިކަން މާޒީއަށް ލުމަށް ފަސޭހަވެގެންދާނެ ނަތީޖާއެކެވެ.

އަނެއްކޮޅުން ޗެލްސީ މި މެޗުން ވެސް ނާކާމިޔާބުވުމާއެކު އެ ޓީމު މި ވަނީ ޕްރީ ސީޒަނުގައި ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން ބަލިވެފައެވެ. އާ ސީޒަން ފެށުމަށް ވަގުތު ކުޑަތަންވެފައިވާ އިރު ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެންނާތީ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.