ޕްރީ ސީޒަނުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި 2-2 އިން އެއްވަރުވެގެން ޕެނަލްޓީ ޖަހައިގެން ބާސެލޯނާ އަތުން އޭސީ މިލާން މޮޅުވެއްޖެއެވެ.

އެމެރިކާގެ އެމްއެންޑްޓީ ބޭންކް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗު އޭސީ މިލާނުން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެ ގޮތުން މެޗު ފެށިގެން 10 ވަނަ މިނެޓުގައި މިލާނުގެ ސްޓްރައިކަރު, ލޫކާ ޖޮވިޗް ވަނީ ލަނޑު ޖަހާ އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ. އޭގެ 5 މިނެޓު ފަހުން ކްރިސްޓިއަން ޕުލިސިކް ވަނީ ލަނޑު ޖަހާ މިލާނުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.

މިލާނުން މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގުމާއެކު ބާސާއިން ވަނީ ކުޅުން ރަނގަޅުކޮށް, މެޗުގެ 22 ވަނަ މިނެޓުގައި ލަނޑު ޖަހާ, ޓީމުގެ ސުންކަނޑާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ, ޓީމުގެ ތަޖުރިބާކާރު ސްޓަރިކަރު ކަމަށްވާ ރޮބާޓް ލެވަންޑޮސްކީއެވެ. ލެވަންޑޮސްކީގެ މި ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އިން މިލާން ކުރީގައޮ އޮވެގެންނެވެ.

ދެވަނަ ހާފުގައި ބާސާއިން ވަނީ ފުރަތަމަ ހާފުގައި ފެނިގެންދިޔަ މިސްޓޭކުތައް މަދުކޮށް, ޓީމުގެ ކުޅުން އިތުރަށް ފުރިހަމަ ކޮށްފައެވެ. ނަތީޖާއަކަށްވީ މެޗުގެ 58 ވަނަ މިނެޓުގައި ލެވަންޑޮސްކީ އޭނާގެ ދެވަނަ ލަނޑު ޖަހާ, ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ.

މެޗުގެ ނުވަދިހަ މިނެޓު ހަމަވެގެންދިޔައިރު ވެސް ދެ ޓީމުގެ މެދުގައި ފަރަގެއް އުފައްދާނެ ގޯލެއް އެއް ވެސް ޓީމަކަށް ނުޖެހުމުން މެޗު ވަނީ ޕެނަލްޓީ ޝޫޓްއައުޓްއަކަށް ގޮސްފައެވެ. އޭސީ މިލާނުން މި ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރީ 3-4 ގެ ނަތީޖާއަކުންނެވެ.

މި ލިބުނު މޮޅާއެކު އޭސީ މިލާނުން ދެން ނިކުންނާނީ 17 އޮގަސްޓު ވާ ދުވަހު ޓޮރީނޯއާ ދެކޮޅަށް އިޓާލިއަން ސެރިއާގެ އާ ސީޒަނުގެ ފުރަތަމަ މެޗަށެވެ. ބާސާ ދެން ނިކުންނާނީ 12 އޮގަސްޓު ވާ ދުވަހު މޮނަކޯއާ ދެކޮޅަށް ޖޯން ގޭމްޕާ ޓްރޮފީއަށް ވާދަކުރާ މެޗަށެވެ.