ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެފަރާތުން މަޝްވަރާކުރި މައިގަނޑު ކަންތައްތަކުގެ ތެރޭގައި މިހާރު ގުޅިގެން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް އަވަސްކުރުމާއި، އެމްޕީއެލްއިން މުސްތަގްބަލުގަައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން، ދެފަރާތުން ގުޅިގެން ކުރެވޭނެ އިތުރު މަސައްކަތްތަކާއި ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން ވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކުގެ މައްޗަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މި ބައްދަލުވުމުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ ޕޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި، ޕޯޓުތަކުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މި ބައްދަލުވުމުން މަގުފަހިވެގެންދާނެއެވެ.