ޕްރީ ސީޒަނުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި "އިންވިންސިބަލް" ލެވަކޫސަން އަތުން 4-1 ގެ ތަފާތު ބޮޑު ނަތީޖާއިން އާސެނަލް މޮޅުވެއްޖެއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އެ ޓީމުން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން 8 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔޫކްރެއިންގެ އޮލެކްސެންޑަރ ޒިންޗެންކޯއެވެ.
ޒިންޗެންކޯ, އާސެނަލްއަށް ލީޑު ނަގައިދިންތާ އެއް މިނެޓު ފަހުން ލިއަންޑްރޯ ޓްރޮސާޑް ވަނީ ލަނޑެއް ކާމިޔާބުކޮށް, އެންމެ 10 މިނެޓު ތެރޭ އާސެނަލްއަށް ދެ ގޯލުގެ ލީޑެއް ނަގައިދީފައެވެ.
އާސެނަލްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 38 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އެ ޓީމުގެ ސްޓްރައިކަރު ގެބްރިއަލް ޖެސުސް ކާމިޔާބު ކުރި ލަނޑެކެވެ. ޖެސުސްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 3-0 އިން އާސެނަލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައި އާސެނަލްގެ ކައި ހަވާޓްޒް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. ލެވަކޫސަންއަށް މެޗުގައި ސުންކަނޑާލެވުނީ 76 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި އެޑަމް ހްލޮޒެކް ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ ނުވަދިހަ މިނެޓު ހަމަވެގެންދިޔައީ 4-1 އިން އާސެނަލް, ލެވަކޫސަން މައްޗަށް ކުރި ހޯދައިގެންނެވެ. ލެވަކޫސަންއަކީ, މި ދިޔަ ސީޒަނުގައި އެންމެ މެޗަކުން ބަލިވެފައިވާ ޓީމަކަށް ވާތީ, މި ނަތީޖާއަކީ އާސެނަލް ސަޕޯޓަރުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ނަތީޖާއެކެވެ.
މި ލިބުނު ބޮޑު މޮޅާއެކު އާސެނަލް ދެން ނިކުންނާނީ 11 އޮގަސްޓު ވާ ދުވަހު އެމިރޭޓްސް ކަޕް ހިއްލާލުމުގެ އުއްމީދުގައި ލިއޯންއާ ދެކޮޅަށެވެ. އަނެއްކޮޅުން ލެވަކޫސަން ދެން ނިކުންނާނީ އެކުވެރިކަމުގެ މެޗެއްގައި ސްޕެއިންގެ ރެއާލް ބެޓިސްއާ ދެކޮޅަށެވެ.