އައްޑޫ ސިޓީގައި ކޮވިޑް ފެތުރިފައިވާތީ އެ ސިޓީން އެ ބަލި ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާ އަކަށް ދަންމާލައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމުގައި ވަނީ އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމަށް މިމަހުގެެ ނުވަވަނަ ދުވަހުން ފެށިގެން އެއް ހަފްތާ އަކަށް އެޅި ފިޔަވަޅުތައް އިތުރު ހަފްތާ އަކަށް ދަންމާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ރޭގަނޑު 8:00އިން ފެށިގެން ފަތިހު 4:30އަށް، އައްޑޫ ސިޓީގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައިވެ އެވެ. އަދި އައްޑޫގެ އެއް އަވަށުން އަނެއް އަވަށަށް ދިޔުމާއި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން އެރަށުގެ ހޮޓާތަކާއި ރެސްޓޯރެންޓްތައް ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތްތަކަށް ދިނުން ވަނީ މަނާކޮށްފަ އެވެ.

އައްޑޫގައި އެޅި އިތުރު ފިޔަވަޅުތައް

  • ޔުނިވާސިޓީ/ކޮލެޖް/ސްކޫލަތަކުގެ ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން.
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކުރުން.
  • ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން.
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުން.
  • ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.
  • ފިހާރަތާކާއި ބޭންކުތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން.

ދުވަހެއް ދުވަހަކަށް އައްޑޫ ސިޓީގައި އަންނަނީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންނެވެ.