16 ވަނަ ބައި
ވިސްނުމަށްފަހު ގޮތް ކަނޑައަޅައި ނަވާރު ފާޒިލްއަށް މެސެޖް ފޮނުވިއެވެ. އަދި ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ނިދީއެވެ. އެ މެސެޖު ލިޔެވުމުން ބޮލުން ޓަނެއްގެ ބަރުދަން ލުއިވެ ނިދަން ފަސޭހަ ވެސް ވިއެވެ.
ފާޒިލްއަށް އެ މެސެޖް ފެނުނެވެ. ނަވާރުގެ މެސެޖަކަށްވުުމުން އެހާ އަވަހަށް މެސެޖް ނުހުޅުވަން ފާޒިލް ނިންމިއެވެ.
ބޭނުންވީ ހަމަޖެހިލައިގެން އަރާމުގައި ނިދާލުމަށެވެ. ފާޒިލްއަށް ޔަގީނެވެ. ނަވާރު ލިޔަނީ ކޮންމެވެސް ބޮލަށް ތުރާ ވާކަހަލަ ވާހަކައެކެވެ.
ފަތިސްނަމާދަށް ނަވާރު ހޭލިއިރު މަންމަ އަދި އުޅެނީ ފާޚާނާގައެވެ. އެހެންވެ ފޯނު ނަގައި ގަޑި ބަލައިލިއެވެ. ކިރިޔާ ބަންގި އެ ދިނީއެވެ. އެވަގުތު ފާޒިލްއަށް ފޮނުވި މެސެޖުގެ މަތިން ހަނދާންވެ ޖަވާބު ބަލައިލުމުގެ ޚިޔާލު ސިކުނޑީގައި ހިނގައިގަތެވެ. އެއީ ފާޒިލް ވެސް ފަތިސްނަމާދަށް މިސްކިތަށް ދާނެކަން ނަވާރަށް އެނގޭތީ މިހާއިރުވާއިރު އެ މެސެޖް ފާޒިލް ނުބަލާ ނުހުންނާނެ ކަން ކަށަވަރުވާތީއެވެ. އެހެންނަމަވެސް ނަވާރު މާޔޫސްވުން ފިޔަވައި އިތުރުކަމެއް ނުވިއެވެ. ހިތިގޮތަކަށް ހިންދިރުވާލުމަށްފަހު މަންމަ ނިކުތުމުން ނަވާރު ވަނީ ފާޚާނާއަށެވެ.
ފަތިސްނަމާދު ނިންމައިލުމަށްފަހު އަނެއްކާވެސް ނަވާރު އޮށޯތީއެވެ. އެ ދުވަހަކީ ނަވާރުގެ އޮފް ދުވަހަކަށް ވާތީ އަދިވެސް ނިދާލުމަށެވެ. އަދި ހޭލާފަ ބަލާލާއިރު ފާޒިލްގެ އިޝާރާތެއް ވެސް ވެފައި އޮންނާނެކަމަށް ޔަގީން ކޮށްފައެވެ.
އޮފިސް ނިމިގެން ގެއަށް އައުމުގެ ކުރިން ހަމަޖެހިލައިގެން އިނދެ ފާޒިލް ފޯނުހުޅުވައިލާ ބަލައިލިއެވެ. އޭރު ނަވާރުގެ ދެވަނަ މެސެޖް ލިބިފައި އޮތެވެ. ފާޒިލް އޮފީހުން އައިސް ޚަބަރެއް ވެލުމަށެވެ. މިފަހަރު އެއަށް ޖަވާބެއް ނުލިޔެ ހުންނަން ނުކެރި އޯކޭ އޭ ލިޔެ ޖަވާބު ދިނެވެ.
ފެންމާގަނޑުދަށުގައި ހުއްޓިހުރި ފާޒިލް ވިސްނަމުން ދިޔައީ ނަވާރާ ކުރިމަތިލާނެ ގޮތަކާމެދުގައެވެ. ރަނގަޅަށް ވެއްޖެއްޔާ މިފަހަރު ރަނގަޅަށް ވެސް ނަވާރު ފާޒިލް ބަވައިލާނެއެވެ. ކުޑަކުރާނެއެވެ. އޭނަގެ ހައިސިއްޔަތާ ފާޒިލްގެ ހައިސިއްޔަތު ނިކަން ރަނގަޅަށް ކިޔައިދޭނެއެވެ. މަޑުން ހުއްޓަސް އެއީ ވަރެއްގެ އަންހެން ކުއްޖެކެވެ. އަލީނާއާ ދިމާއަށް މާ ގިނަ އެއްޗެއް ނުބުނީ މަގުމަތިކަމަށް ވުމުން ކަމަށް ވެސް އެކަށީގެންވެއެވެ. ފާާޒިލްއަކަށް މައްސަލައެއް ނެތެވެ. ނަވާރު ނިންމާ ކޮންމެ ގޮތަކާ ފާޒިލް ރުހޭނެއެވެ.
ހިތްހަމަ ޖެހޭ ވަރަށް ފެންވަރައިލެވުމުން ތުވާލިން ގައި ހިއްކަމުން ފާޒިލް ނިކުތީ ބޭރަށެވެ. ފާޚާނާގެ ދޮރު ހުޅުވައިލިތަނާ ކޮޓަރީގައި މީހަކު ޓަކިޖަހާ އަޑު އިވިއްޖެއެވެ.
"މިގަޑީގައި ކާކުބާ!" އެއީ އަލީނާ އަކަށް ނުވާނެއެވެ. އޭނާ މިހާރު ހުންނަނީ ވަރަށް ހިތުގައި ޖެހި ތުންފިއްތައިގެންނެވެ. ވީއިރު ކާކުބާވައެވެ.
އަވަސް އަވަސްކޮށްލައިގެން ގޮސް ފާޒިލް ކުޑަގޮތަކަށް ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. ކުޑަކޮށް އެއްފަރާތަކަށް ޖެހިލަމުންނެވެ. އެހެންނަމަވެސް ދޮރުގެ ބޭރުގައި ހުރި މީހާ ދޮރު ރަނގަޅަށް ހުޅުވައިލާ އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަނގައިން ތޫލިއަޑެއް ބޭރުކޮށްލިއެވެ. ފާޒިލްއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. ހަމައެކަނި ތުވާއްޔެއް އަނދެގެން ... ބޮލުންފެށިގެން ފެން އޮހިއޮހި ހުރި ހާމަ ހަށިގަނޑު ނަވާރަށް ފެންނާކަށް ފާޒިލް ބޭނުމެއްނޫނެވެ.
ކަރުދޮށުން ފެށިގެން ރޮނގުލާ ދެމެމުން ތިރިއަށް ދާ ފެން ރޮނގުތައް ފޫޅަށްވުރެ ތިރިން އައްސާލެވިފައިވާ ސާފު ހުދުކުލައިގެ ތުވާއްޔަށް ވަނދެ ގެއްލެމުންދާ މަންޒަރަށް ބަލަަހައްޓައިގެން ނަވާރަށް ހުރެވުނީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. އެއީ މަސްތީ މަންޒަރެކެވެ. ފާޒިލްގެ ދޮން ކަސްރަތީ ރީތި ފިރިހެންވަންތަ ހަށިގަނޑަށް ނަވާރު ހުރީ ރަނގަޅަށްވެސް ގެއްލިފައެވެ.
ނަވާރަށް ވެފައި ހުރިގޮތް ފެނުމުން ފާޒިލް ގާތަށް އައީ ލާނެތް ހިންޏެކެވެ. އެކަމަކު ދެނަހުރިކަމަކަށް ނަހަދާ މަޑުމަޑުން ދޮރުލައްޕާލަމުން ކަމަކުހޭ އަހައިލިއެވެ. އަދި ނަވާރުގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ފާޒިލް ގޮސް ހުއްޓުނީ ހެދުން ހަރުގަނޑުކައިރީގައެވެ. އެތަނުން ބޭނުންވާ ސާމާން ހިފައިގެން ގޮސް ފާޚާނާއަށް ވަދެ ނަވާރުގެ ލޯމަތިން ގެއްލިއްޖެއެވެ.
ނަވާރަށް ހަމަ ނޭވާލާން އެނގުނީ އެ ހިސާބުންނެވެ. އަދި އުޅެވުނު ގޮތާމެދު ދެރަވެ ލަދުގަތެވެ. ފާޒިލްގެ ކުރިމަތީ މިހާ ބަލިކަށި މީހަކަށް ވާކަށް ނަވާރު ބޭނުމެއް ނޫނެވެ. އެހެންކަމުން ނިކަން ގޮތުގައި ހުރެ ވާހަކަ ދައްކަން ނަވާރު ނިންމިއެވެ.
ރަނގަޅަށް ހަމަޖެހިލައި ދެތިން ނޭވާ ލުމަށްފަހު ނަވާރު ގޮސް އިށީނީ އައިޝާގެ އެނދުގައެވެ. އެވަގުތަކީ ފާޒިލްވެސް އަނެއްކާ ވެސް ފާޚާނާއިން ނިކުމެ ދޮރުމަތީ މަޑުކޮށްލި ވަގުތެވެ.
"އާން! ކީކޭ ނަވާރު! އަހަރެން އެހީ ކަމަކުހޭ މިގަޑީގަ!" އެއްވެސްކަމެއް ނުވާކަމަށް ހެދެމުން އަޑުން ހަމަޖެހޭގޮތްދައްކަމުން ފާޒިލް ސުވާލުކުރިއެވެ.
"އަހަރެން ރޭގަ މެސެޖެއްކުރިން! ނުވެސް ދެކެން ދޯ!" ނަވާރުގެ އަޑުން ހިތްހަމަނުޖެހުން ދެއްކޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ.
"ނޫން! ފެނުނީމަތާ އޯކޭ ޖަހާނީ!" ކުރިން ވެސް ވާހަކަދެއްކި ރާގުގައި ފާޒިލް ބުންޏެވެ.
"އެކަމެއް ނޭނގެ! ނުވެސްއަހާ ކޮން ވާހަކައެއްތޯ ވެސް!"
"އަވަހަށް ބުނޭ! ކޮންވާހަކައެއް ބުނަން ބޭނުންވަނީ!" ޝައުގުވެރިކަން ދައްކަމުން ފާޒިލް ބުންޏެވެ. އެހިސާބުން ނަވާރު ފިނި ވެއްޖެއެވެ. ދައްކަން އައި ވާހަކަ އައީ ވަރަށް ތަރުތީބުކޮށްގެންނެވެ. އެކަމަކު މިހާރު ފަށާނެކޮޅެއް ފަށާނެ ގޮތެއް ނަވާރު ހަނދާނެއް ނެތެވެ.
"ކީކޭ ފާޒިލް ބުނަނީ!" ނަވާރަށް ފުރަތަމަ ވެސް އެހުނީ އެންމެ ފަހުން އަހަންވީ ސުވާލެވެ.
"ކޮންކަމަކަށް!" ނަވާރުގެ މޫނަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ފާޒިލް ސުވާލުކުރިއެވެ.
"ނޭނގޭތަ އަހަރެން މި ދައްކާ ވާހަކައެއް! މަންމަ ނުބުނޭތަ!" ނަވާރުގެ ދެލޯ ބޮޑުވެގެން އައީ ފާޒިލް ކުރި ސުވާލުންނެވެ.
"އަޖާބެއް! ރެއަކާ ދުވާލެއްގެ ތެރޭ ދައްތަ އެތައް ވާހަކައެއް އަހަރެން ގާތު ބުނާއިރު ތިހެން އެހިޔަކަސް ނޭނގޭނެނު! ވަކި ވާހަކައެއް ބުނެބަލަ!" ފާޒިލް ހަމަ ގަސްތުގައި ނޭނގޭކަމަށް ހެދުނެވެ.
ނަވާރު ހާސްވެއްޖެއެވެ. ކައިވެނީގެ ވާހަކަ ދުލަށް ގެންނަން ނަވާރު ލަދުގަނެއްޖެއެވެ. އެހެންކަމުން ފަހުން އަންނާނެ ކަމަށް ބުނެފައި ތެދުވެގެން ހިނގައިގަތެވެ. ފާޒިލް ހުރީ އަޅާވެސް ނުލައި ނަވާރު ނިކުންނަން ދެނެވެ.
ދޮރުން ބޭރަށް ނިކުމެ ނަވާރު ދޮރު ލެއްޕުމާ އެކު ފާޒިލްގެ ހިނިގަނޑު އައީ ފަޅައިގެންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި މީހާ ހުރީ ޖެހި ބުދެއްހެންނެވެ. ދެންމެ ލެއްޕި ދޮރު ހުޅުވާލައިގެން ނަވާރު ބަލަހައްޓައިގެން ހުރިތަން ފެނުމުންނެވެ. އެ ދެލޯ ފުރިފައިވަނީ ވީދެރައިން ނުވަތަ ގަތްލަދުން ފައިބަން ތައްޔާރަށް ހުރި ކަރުނަތަކުންނެވެ. ފާޒިލްއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. މިފަހަރު ފާޒިލް ވެސް ދެރަވިއެވެ.
"ބަލައްޗޭ، ތީނަޔާ އަހަރެން އިންނާނަން!" ނަވާރު ބުނަން އުޅުނު އެންމެ މުހިންމު ވާހަކަ ނަވާރަށް ހުށަހެޅުނު އެންމެ ގޯސްކޮށް ހުށަހެޅުމަށްފަހު ބާރަކަށް ދޮރު ލައްޕާލާފައި ނަވާރު ދިޔައީއެވެ.
ފާޒިލް ވިސްނައިލިއެވެ. ނަވާރު ބޭނުންވަނީ ބަދަލުހިފަންހެއްޔެވެ؟ ނޫނީ އަސްލު ވެސް ދިރިއުޅުމެއް ފަށައި ރީތި ގޮތުގައި ޒަވާޖީ ހަޔާތް ކުރިޔަށްގެންދަންހެއްޔެވެ! ކޮންމެ ގޮތެއްވިޔަސް މި ކުޅިވަރުގެ ތެރޭގައި ދޮންމަންމަ އާއި ނަވާރާ ދެ މެދުގައި ފާޒިލް ތާށިވެއްޖެކަން ކަށަވަރެވެ.
މާގިނަ ތައްޔާރީތަކެއް އަދި މާގިނަ ވާހަކަތަކެއްވެސް ނުދެކެވި ފާޒިލްއާ ނަވާރުގެ ކައިވެނިކުރެވޭ ތާރީޚު ކަނޑައެޅި ނިމިއްޖެއެވެ. ތާރީޚު ކަނޑައެޅީ ނަވާރެވެ. އެ ތާރީޚު ފާޒިލްއާ ހަމައަށް ގެންގޮސްދިނީ ދޮންމަންމައެވެ. އެހެންވިޔަސް ފާޒިލްގެ މައްސަލައެއްނެތެވެ. ފާޒިލް ހުރީ ވެއްޖެކޮންމެ ގޮތެއް ވަރިހަމަ ކަމަށް ނިންމައިގެންނެވެ. އެ ކައިވެންޏާމެދު އެއްވެސް ޔަގީންކަމެއް ނެތިއެވެ. އެހެންކަމުން ކައިވެއްޏެއްކުރެވޭތީއޭ ކިޔާ ވަކި ފާޒިލް އުފަލެއްވެސް ނުވެއެވެ.
ރެއަކީ ހަނދުމަހެއްގެ ތޭރަ ވިލޭ ރެއެވެ. އުޑުމަތި ސާފު ވިލާ މަދު ރެއެކެވެ. އިރުއޮއްސި އަށެއް ޖެހިއިރުވެސް މޫސުން އޮތީ އެގޮތަށެވެ. ފާޒިލްއާ ނަވާރުގެ ކައިވެނީގެ ރަސްމިއްޔާތު ކުޑަގޮތަކަށް ކުރިޔަށް ދިޔައެވެ. އެ ރަސްމިއްޔާތަށް މާގިނަ ބަޔަކު ނާދެއެވެ. ދެމީހުންގެ ޚާއްސަކޮށް ފާޒިލްގެ ފަރާތުން އެއްވެސް މީހެއްނެތެވެ. އޭނަ ގެންދަން ބޭނުން މީހަކު ނެތީއެވެ. ކައިވެނިިކޮށްދެއްވި ގާޒީ ކައިވެނީގެ ޚުޠުބާ އިއްވުމަށްފަހު "އަނބި ގަބޫލުކޮށްފިން" ފާޒިލްގެ ދުލުން ބޭރުވުމާއެކު ނަވާރުގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ނަވާރުގެ މަންމަގެ ދެލޯ ފެންކަޅިވެގެން އައީ ޝުކުރުގެ ކަރުނައިންނެވެ. ނަވާރުގެ އެއްބަނޑު ދެ ފިރިހެނުން ތިބީ އުފަލުން ފޮޅިފައެވެ. އެމީހުންގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި އަންހެންކުއްޖާ ރަނގަޅު ފިރިހެން ކުއްޖަކާ ކައިވެނިކުރެވުނުކަމުގެ ޔަގީންކަމުގައެވެ. ވަކި އިހުސާސެއް ފާޅުނުވި އެކަކީ ފާޒިލްއެވެ. އެއީ ކަން ހިނގަމުން ދިޔަ ގޮތުން ދެން ކަންވާނެ ގޮތެއް ނޭނގޭތީއެވެ. ދެން އައިޝާއެވެ. އެއީ ދުނިޔޭގެ އެއްވެސް ތަޖުރިބާއެއް ނެތް ކުޑަކުއްޖަކަށް ވާތީއެވެ.
ދޮންމަންމައާ އައިޝާ ކާރަކަށް ލުމަށްފަހު ފާޒިލް އެމީހުން ގެއަށް ފޮނުވައިލިއެވެ. ނަވާރު ހުރީ އެއްފަރާތުގައި މަޑުކޮށްލައިގެންނެވެ. ވަރަށް އާދައިގެ އެހެނަސް ނަވާރުގެ އަލަތުކައިވެނީގެ ހެދުމުގައެވެ.
"ނަވާރު! އަހަރެން އައީ ސައިކްގައޭ! ކިހިނެއްހަދާނީ! ... ބޭނުމިއްޔާ ނަވާރަށް ކާރެއްގަ ދެވިދާނެ!" ފާޒިލްގެ އަޑު އިވުމުން ނަވާރު ތުންފިއްތައިލިއެވެ.
"ސައިކްގަ ދާނީ!" ނަވާރު ބޭނުންވާ ގޮތް ނަވާރު ހާމަކުރިއެވެ. ނަވާރުގެ އަޑު އިވުމުން ދެ ކޮޑު އުފުލާލަމުން އޯކޭކަމަށް ބުނެ ފާޒިލް ދިޔައީ ސައިކަލް ބަލައެވެ.
ފާޒިލް ސައިކަލް ދުއްވަމުން ދިޔައީ ނަވާރު ހިތް އުފާވާނެހެން ހީވާހާ މަގަކުން ނަވާރު ބުނާ ސްޕީޑްގައެވެ. ގެއާ ހަމައަށް ދާން ފަސްވަރަކަށް މިނިޓް ހޭދަވާން އޮތްއިރު އެ މީހުންގެ ގެއަށް ދާން މިރޭ ތިރީސް ފަސްމިނިޓް ނެގިއެވެ. އެކަކުވެސް އަނެކަކާ މާގިނަ ވާހަކައެއް ނުދައްކައެވެ. ޚާއްސަކޮށް ފާޒިލްއެވެ. އެހެންނަމަވެސް ދެމީހުންގެ ވެސް މޫޑު ރަނގަޅެވެ. އެރެއަކީ ދެމަފިރިއެއްގެ ދިރިއުޅުމަށް އަންނާނޭ އެންމެ އުފާވެރި ރޭކަމުން ކޮންމެ މީހަކުވެސް ވަނީ ޖެހިލުންވެފައެވެ. އެރޭ އެދެމީހުންގެ ދެމެދު ކަންތައް ހިނގާނެ ގޮތަކާމެދު ކުރެވޭ ފިކުރުންނެވެ.
ދުއްވާނެ ވަރަކަށް ދުއްވުމަށްފަހު ފާޒިލް އައިސް އެމީހުން އުޅޭ އިމާރާތުގެ ދޮރުމަތިވާގޮތަށް ސައިކަލް މަޑުކޮށްލީ ނަވާރު ފޭބުމަށެވެ. އެވަގުތު ކުއްލިއަކަށް ދޮރުހުޅުވާލުމަށްފަހު ނިކުތް އަލީނާއަށް ދެމީހުންނަށް ވެސް ބަލައިލެވުނެވެ.
އަލީނާއަށް ވެސް ފާޒިލްމެން ފެނުމުން ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. އެއީ އަލީނާ އުންމީދުކޮށްގެން ހުރިި ކަމަކަށް ނުވާތީއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އަލީނާ އައިސް އެލިގަތީ ފާޒިލްގެ އަތުގައެވެ. ފާޒިލް ކުޑަކޮށް ދުރަށް ޖެހިލިއެވެ.
"އަޅެ ފާޒިލް، ހިނގާބަލަ މަންމައަށް މި ބޭސް ސިޓީއަށް ބޭސް ނަގައިގެން އަންނަން!... ޕްލީޒް!" އަތުގައި އޮތް ފޯނު ދައްކައިލަމުން އަލީނާ އާދޭސްކުރާ ރާގެއްގައި ބުނެލިއެވެ.
"މިގަޑީގަ ނެތޭ ދެވޭކަށް! ކާރަކުން ދާންވީނު!" ފާޒިލްއަށް ބަލައިލެވުނީ ނަވާރުގެ މޫނަށެވެ.
"ޕްލީޒް ފާޒިލް، މަންމަ މިރޭ ކާނެ ބޭސްވެސް ނެތިގެންނޭ! ...އެހެންނޫނީ އަހަރެން މަޑުކުރާނަން! ފާޒިލް އަންނަންވީނު ބޭސް ގަނެގެން!" އަލީނާ އާދޭސްކުރާވަރުން ފާޒިލްއަށް އަނެއްކާވެސް ބަލައިލެވުނީ ނަވާރުގެ މޫނަށެވެ. ނަވާރު އިސްޖަހާލައިގެން ހުރެފައި މަޑުމަޑުން ބޯޖައިލިއެވެ. އެބުނީ އޯކޭއޭ ކަމަށް ބަލާ ފާޒިލް ސައިކަލް އަނބުރާލަން އުޅުމުން އަލީނާ ބުނީ ފާޒިލްއަށް އެ ހިސާބަށް ދެވެންވާއިރަށް ބޭސް ސިޓީ ވައިބަރކޮށްލާނެ ކަމަށެވެ. އަދި ބޭސް ސިޓީއަށްވާ ފައިސާ ޓްރާންސްފަރ ކޮށްދޭނެކަމަށެވެ. ފާޒިލް ވަކި ޖަވާބެއް ނުދީ ދިޔައީއެެވެ. އޭގެކުރިން ނަވާރު ގާތު މަޑުކޮށްލަން ވެސް ބުނެލިއެވެ. ދާންބޭނުން ނޫނަސް ބަލިމީހަކާ ގުޅުން ހުރިކަމަކަށްވުމުން ކޮށްދޭން ނިންމާ ފާޒިލް ދިޔައީއެވެ.
އަލީނާގެ ލޯމަތިން ފާޒިލް ގެއްލުމާއެކު އަލީނާ އެނބުރުނީ ނަވާރާ ދިމާއަށެވެ.
"ފާޒިލްގެ ސައިކްގެ ފަހަތުގައި އިންނައިރު ވަރަށް ހިތްގައިމު ދޯ!" އަލީނާގެ ޖުމުލަތަކަށްވުރެ އެ ޖުމުލަތައް ބުނި ރާގު ނަވާރަށް ވިހަކަން ބޮޑެވެ.
"ލުކް އަލީނާ، އެއީ މިހާރު އަހަރެންގެ ހަސްބަންޑް އިނގޭ! ތި ގޮތަށް ވާހަކަދެއްކުން ރީއްޗެއްނޫން!"
-ނުނިމޭ-