ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައްދަލުކުރައްވައި، ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ ކޮމިޝަނަރ އޮފް ޕޮލިސްގެ އޮފީހުގައެވެ.

ފުލުހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މިހާރު ގުޅިގެން ކުރެވޭ ކަންކަން އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުމުގެ އައު ނިޒާމުތައް ގާއިމުކުރުން ހިމެނެއެވެ.

މީގެއިތުރުން، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އަދި އެހެނިހެން ދާއިރާތަކުން ދެފަރާތުން އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތަކާ މެދުވެސް މަޝްވަރާކުރެވުނު ކަމަށާއި އަދި މަސްތުވާތަކެތި ފަދަ ގެއްލުންދެނިވި ތަކެތި ރާއްޖެ އެތެރެވުން ހުއްޓުވައި، ރާއްޖެއަކީ އަމާން ރައްކާތެރި ގައުމަކަށް ހެދުމަށް ގުޅިގެން ކުރެވޭ މަސައްކަތް ފުޅޭކޮށް އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންވެސް ދެ ފަރާތުން މަޝްވަރާކުރެއްވި ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ބައްދަލުވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެކެވެ.