އެމެރިކާގެ ފެޑެރަލް އޭޖެންޓުންނާއި ސްޓޭޓް ފުލުހުން ވެގެން އެމެރިކާގެ ކުރީގެ މެރީން އަދި އދ ގެ ކުރީގެ ހަތިޔާރު ބަލާ އޮފިސަރު ސްކޮޓް ރިޓަރގެ ނިއުޔޯކުގައި ހުރި ގެ ރެއިޑްކޮށް ބަލައި ފާސްކޮއްފިއެވެ.
އަލްބަނީ ކައިރީގައިވާ ބެތްލެހެމް ޓައުންޝިޕްގައި ކުރެވުނު މި ރެއިޑްގައި ސްޓޭޓް ފުލުހުންނާއި އެފްބީއައި އޭޖެންޓުން ރިޓަރގެ ގެއިން 25 އަށްވުރެ ގިނަ ފޮށި އެމީހުންގެ ބެލިމުގެ ދަށަށް ގެންގޮސްފައިވެއެވެ. ބުދަ ދުވަހު މެންދުރުން ފެށިގެން ހަވީރު 5 ޖެހިއިރު ނިމުނު މި އޮޕަރޭޝަން ހިންގާފައިވަނީ ބޭރު ޤައުމުތަކުގެ އޭޖެންޓުން ރިސްޓްރިކްޓްކުރުމާ ބެހޭ ޤާނޫނު (ފާރާ) އާ ޚިލާފުވެފައިވާކަމުގެ ތުހުމަތުގައި ނެރެފައިވާ ސާރޗް ވޯރަންޓެއްގެ ދަށުންނެވެ.
އޭގެ ފަހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ރިޓަރ ވަނީ އެއްވެސް ކުށެއް ކޮށްފައި ނުވާކަމަށް ބުނެ، ފެޑެރަލް ސަރުކާރުން އޭނާއަށް ބިރުދައްކަން މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. އެފްބީއައިގެ ތަރުޖަމާނަކު ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެތަނުގައި ހަރަކާތްތެރިވެފައިވާކަން ކަށަވަރުކޮށްދީފައިވާއިރު، އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މެރީން ކޯޕްސްގެ ކުރީގެ މޭޖަރެއް ކަމުގައިވާ ރިޓަރ އަކީ 2003 ވަނަ އަހަރު އެމެރިކާއިން އިރާޤަށް ކުރި ހަނގުރާމައާ ދެކޮޅަށް ވާހަކަ ދައްކާފައިވާ މީހެކެވެ. އޭނާ ބުނެފައިވަނީ ސައްދާމް ހުސެއިންގެ ވެރިކަމުގައި "ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން" ނެތް ކަމަށެވެ. ދާދި ފަހުން ސެންޓް ޕީޓަރސްބާގްގައި ބޭއްވޭ އިޤްތިޞާދީ ފޯރަމެއްގައި ބައިވެރިވާން ރިޓަރ އުޅުނެކޮށް އޭނާގެ ޕާސްޕޯޓު ވަނީ އަތުލާފައެވެ.
ރިޓަރގެ އަވަށްޓެރި ޖިމް ހޮފްމަން ވަނީ ރިޓަރގެ މަޑުމައިތިރި ދިރިއުޅުމާ ބެހޭގޮތުން ވާހަކަދައްކާފައެވެ. އޭނާ ބުނި ގޮތުގައި، އިރާޤުގެ ހަނގުރާމައާ ދެކޮޅަށް ވާހަކަދެއްކުމުގެ ސަބަބުން ރިޓަރ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުމާ ކުރިމަތިލާންޖެހިފައެވެ. ނަމަވެސް ފަހުން އޭނާގެ ވާހަކަތައް ރަނގަޅުކަން ސާބިތުވެފައިވެއެވެ. މި ރެއިޑާ ގުޅޭގޮތުން ރިޓަރގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެއްވެސް އެއްޗެއް ހިއްސާކޮށްފައެއް ނުވެއެވެ.