ޓޮޓެންހަމަށް ކުޅެމުން އަންނަ ޑިފެންޑަރު އެމާސަން ރޯޔަލް ގަތުމަށް އިޓަލީގެ ގަދަ ބާރެއް ކަމަށްވާ އޭސީ މިލާނުން އެއްބަސްވެއްޖެއެވެ.
އޭސީ މިލާނުން ވަނީ މި ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯ ހުޅުވުމާއެކު އެމާސަން ގަތުމަށް ޓޮޓެންހަމާއެކު މަޝްވަރާތައް ފަށާފައެވެ. ނަމަވެސް ދެ ކްލަބަށް ރަނގަޅު އެއްބަސްވުމަކަށް ވާސިލުނުވެވުނީތީ މި މަޝްވަރާތައް ވަނީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައެވެ.
ދިގުލައިގެން ދިޔަ މި ޓްރާންސްފާގެ މަޝްވަރާތައް ނިމުމަކަށް އައިސް, ދެ ކްލަބުން އެއްބަސްވުމަކަށް ވާސިލުވެއްޖެކަން އިތުބާރުހިފޭ ޖާނަލިސްޓް, ފަބްރީޒިއޯ ރޮމާނޯ ވަނީ އިއްޔެގެ ވަގުތެއްގައި ހާމަކޮށްފައެވެ. އޭނާ ހާމަކުރި ގޮތުގައި އޭސީ މިލާނުން އެމާސަންގެ ސޮޔަށް ޓޮޓެންހަމަށް 20 މިލިއަން ޑޮލަރާ ގާތް ކުރާ އަދަދެއް ދައްކާނެއެވެ.
އޭސީ މިލާނުން ބްރެޒިލްގެ އެމާސަން ގަތުމަށް އެއްބަސްވުމާއެކު އޭނާއަކީ މި ޓްރާންސްފާ ވިންޑޯގައި އެ ކްލަބުން ސޮއިކުރި, ޔޫރަޕުގެ ޕާސްޕޯޓެއް ނޯންނަ ދެވަނަ ކުޅުންތެރިޔާއެވެ. އިޓަލީގެ ސެރިއާގެ ގަވާއިދުތަކުގެ ދަށުން ދެން މި ވިންޑޯގައި އޭސީ މިލާނަށް ޔޫރަޕުގެ ޕާސްޕޯޓެއް ނޯންނަ ކުޅުންތެރިޔެއް ނުގަނެވޭނެއެވެ.