ރޭގައި ކުޅުނު ފޯރިގަދަ އޮލިމްޕިކްސް ފައިނަލުގައި ފްރާންސް އަތުން 5-3 އިން މޮޅުވެ, 32 އަހަރަށްފަހު އޮލިމްޕިކްސް ފުޓުބޯޅައިގެ ރަން މެޑަލް ސްޕެއިންއިން ހާސިލުކޮށްފިއެވެ.

ޕާކް ޑެ ޕްރާންސްގައި ރޭގައި ކުޅެވިގެންދިޔަ ފޯރިގަދަ ފައިނަލުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ފްރާންސްއެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ, އެންޒޯ މިލޮޓްއެވެ.

މިލޮޓް, ފްރާންސްއަށް ލީޑު ނަގައިދިންތާ 6 މިނެޓް ފަހުން ބާސެލޯނާއަށް ކުޅެމުން އަންނަ ޒުވާން ތަރި ފާމިން ލޯޕޭޒް ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި ލޯޕޭޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ސްޕެއިންގެ ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މިއީ, ލޯޕޭޒް މި އޮލިމްޕިކްސްގައި ކާމިޔާބު ކުރި ހަވަނަ ލަނޑެވެ.

ލޯޕޭޒް, ސްޕެއިންއަށް ލީޑު ނަގައިދިންތާ 4 މިނެޓް ފަހުން އެލެކްސް ބައެނާ ވަނީ ލަނޑެއް ޖަހާ, ސްޕެއިންގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ. ބައެނާގެ މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-1 އިން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ފްރާންސްއިން ވަނީ އިތުރު ހިތްވަރެއް ދައްކާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައެވެ. އެ ގޮތުން މެޗުގެ 79 ވަނަ މިނެޓުގައި އޮލީސޭ ނަގައިދިން ހިލޭ ޖެހުމަކުން މެގްނަސް އަކިލޮޗޭ ވަނީ ލަނޑު ޖަހާ, އެންމެ ގޯލަކަށް ދެ ޓީމުގެ ފަރަގު ކުޑަކޮށްފައެވެ.

ފްރާންސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑަކީ, އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޖީން-ފިލިޕް މަޓޭޓާ ކާމިޔާބު ކުރި ލަނޑެކެވެ. މަޓޭޓާ, ފަހު ވަގުތު ޖެހި މި ލަނޑާއެކު މެޗު ވަނީ 3-3 އިން އެއްވަރުވެ އިތުރު ވަގުތަށް ގޮސްފައެވެ.

އިތުރު ވަގުތުގައި ސްޕެއިންއިން ވަނީ ވަރުބަލިވެފައި ތިބި ފްރާންސް ޓީމުގެ ހިތްވަރާ އަޒުމުތައް ވެޔާ މޮޑެލައި އިތުރު ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މި ދެ ލަނޑަކީ ސާޖިއޯ ކެމެލޯ, މެޗުގެ 100 ވަނަ މިނެޓުގައި އަދި 120 ވަނަ މިނެޓުގައި ކާމިޔާބު ކުރި ދެ ލަނޑެވެ.

ކެމެލޯގެ މި ދެ ލަނޑާއެކު ސްޕެއިންއިން ވަނީ 5-3 އިން މެޗު ކާމިޔާބުކޮށް, 32 އަހަރަށްފަހު އޮލިމްޕިކް ފުޓުބޯޅައިގެ ރަން ސްޕެއިންއަށް ގެންގޮސްފައެވެ.

ސްޕެއިން އެންމެ ފަހުން އޮލިމްޕިކް ރަން ހޯދީ 1992 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް އޮލިމްޕިކްސްގައި ޕޮލޭންޑް އަތުން ފައިނަލުން މޮޅުވެގެންނެވެ. ސްޕެއިންގެ ފުޓުބޯޅަ ޓީމު މި ހޯދި ރަން މެޑަލަކީ 28 އަހަރު ތެރޭ އެ ގައުމުގެ ޓީމަކަށް އޮލިމްޕިކްސްގައި ހޯދުނު ފުރަތަމަ ރަން މެޑަލެވެ. އެންމެ ފަހުން އެ ގައުމުގެ ޓީމަކަށް އޮލިމްޕިކްސްގެ ރަން މެޑަލް ހޯދުނީ 1996 ވަނަ އަހަރު އިޓަލީގެ އެޓަލަންޓާގައި އޮތް އޮލިމްޕިކްސްގައެވެ. އެ ފަހަރު ސްޕެއިންއަށް ރަން ހޯދައިދިނީ ފިރިހެން ވޯޓާ ޕޯލޯ ޓީމެވެ.