ރާއްޖެއިން މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފިއެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން މިއަދު 6،230 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން މިއަދު ވެކްސިން ދިން 4،020 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ދިން 2،090 މީހުންގެ އިތުރުން ރިސޯޓްތަކުން ވެކްސިން ދިން 120 މީހުންނެވެ.

މާލެ ސަރަހައްދުން މިހާތަނަށް 39،309 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 10،519 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 50،047 މީހަކަށް މިވަނީ ވެކްސިން ދީފަ އެވެ.

މިހާތަނަށް ރިސޯޓްތަކުން 219 މީހަކަށް ވެކްސިން ދީފައިވެއެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.

އެ ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.