ސަޔްހޫނީ އިޒްރޭލަށް ހަމަލާ ދިނުން ވަނީ ޝެޑިއުލް ކުރެވިފައިކަމަށާއި ވަގުތު ޖެހުމުން ހަމަލާ ދޭނެ ކަމަށް އިރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ތަރުޖަމާން އަދި އިސް ކޮމާންޑަރ ހުސައިން ސަލާމީއާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.

އިސް ކޮމާންޑަރު ހުސައިން ސަލާމީއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަ ކޮށްލި ހާދިސާގެ ބަދަލު އިޒްރޭލު ކިބައިން ނުހިފައި އިރާނުން ދޫކޮށެއް ނުލާނެއެވެ.

ކޮމާންޑަރު ސަލާމީގެ އިތުރު ގިނަ ވާހަކަފުޅުތަކެއް އަލްޖަޒީރާއިން ގެނެސްދީފައެއް ނުވެއެވެ.

އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެންދަނީ އިރާނާއި އިރާޤް ގުޅޭ ބޯޑަރު ކައިރީގައި އަސްކަރީ ތަމްރީންތަކެެއް ހަދަމުންނެވެ. އިރާނުގެ ނޫސްތަކުން ބުނާ ގޮތުގައި މިތަމްރީނުތައް އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އިޒްރޭލުގެ ހައްދުފަނައެޅި ދިފާއީ ވަޒީރު ގައްލަންތު މިރޭ ބުނެފައިވަނީ އިރާނުގެ ފަރާތުން ކުރިމަތިވެދާނެ ވަރުގަދަ ހަމަލާއަކުން ދިފާއުވުމަށް ތައްޔާރުވެފައި ކަމަށެވެ.

އިޒްރޭލާއި އިރާނުގެ މިވަގުތުގެ މަސްރަހް އެނބުރެމުންދާ ގޮތަށްބަލާއިރު، އިރާނުގެ ހަމަލާއަކުން އިޒްރޭލު ދިފާއު ކުރުމަށް އެމެރިކާ އާއި އިނގިރޭސިން އަދި ފްރާންސުން ވަނީ ނިކުމެފައެވެ. އަނެއްކޮޅުން ޗައިނާއިން މިއަދު ވަނީ އިރާނުގެ ދިފާއުގައި އެގައުމުން އަޅާ ފިޔަވަޅުތަކަށް ޗައިނާއިން ފުރިހަމައަށް ތާއިދުކުރާނެކަން ހާމަކޮށްފައެވެ. ރަޝިޔާ އާއި އިރާނުން މިހާރުވެސް އަސްކަރީ ކަންކަމުގައި ވަރަށް ފުޅާދާއިރާއެއްގައި އެއްބާރުލުން ދެމުން އަންނައިރު، ރަޝިޔާއިން މިދިޔަ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އިރާނަށް އެއަރ ޑިފެންސް ސިސްޓަމްތަކެއް ފޯރުކޮށްދީފައިވާ ކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.