ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ވެރިކަން ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ސަލާމް ވިދާޅުވެ، މާލެ ވަޑައިނުގެން ސަން އައިލެންޑު ރިސޯޓްގައި މަޑުކޮށްގެން ހުންނެވީ މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ ކަމަށް އެ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.
އަލީ ސޯލިހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ރައީސް ނަޝީދު މިއަދު ވިދާޅުވީ ގާސިމް ސަލާމުގައި ހުންނަވާތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ.
އަލީ ސޯލިހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ގާސިމް، ސަން އައިލެންޑު ރިސޯޓްގައި މަޑުކުރައްވަނީ މާލޭގައި ކޮވިޑުގެ ހާލަތު ހުރި ގޮތުން އެއީ އެންމެ ރައްކާތެރި ގޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
"ކޮވިޑް ނެތް ސަރަހައްދެއްގައި ހުރެފައި ކޮވިޑް އޮތް ސަރަހައްދަކަށް އައިސް ގޮސްވުމުގައި ސަމާލުކަން ދޭން ޖެހޭނެ ކަންތައްތަކެއް ހުންނާނެ. އެހެންވީމާ މިދަނޑިވަޅުގައި އެންމެންނަށްވެސް އެންމެ ރައްކާތެރި ހެޔޮގޮތަކީ އެމީހަކު ހުރި ތަނެއްގައި ދެމިހުރުން ކަމަށް ގަބޫލުކުރައްވާތީ ގާސިމް އިބްރާހިމް ސަން އައިލެންޑުގައި މަޑުކުރައްވަނީ،" އަލީ ސޯލިހު ވިދާޅުވި އެވެ.
ގާސިމްގެ އުންމީދަކީ ގައުމުގެ އެންމެންނަށް ކޮވިޑުގެ ވެކްސިން ލިބި މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ލިބުން ކަމަށް ވެސް އަލީ ސޯލިހް ވިދާޅުވި އެވެ.