ރާއްޖޭގެ ދާހީލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ތިން ކަމެއް ވާ ކަމަށް ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. އެއީ ދިވެހިރާއްޖެ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމާއި، ގޭންގު ހަދައިގެން ކުށްތައް ކުރުން ހުއްޓުވުމާއި، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުން ހަގީގީ ނަތީޖާއެއް ފެންނާނީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމުގައި މިހާރު އާންމު ކަމެއްގެ ގޮތުގައި ދެކޭ ކަންކަމާއި، އޯކޭ ކަމެއް ކަމަށް ދެކޭ ކަންކަން ބަދަލުވާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގިނަ ގާނޫނުތައް ތަންފީޒުވެގެން އަންނައިރު ބައެއް މީހުންނަށް އުނދަގޫ ވާނެ ކަމަށާއި، މިހާތަނަށް ގާނޫނުތައް ތަންފީޒު ނުވެ ދިޔުމުން ފައިދާތަކެއް ލިބެމުންދިޔަ ބަޔަކު ތިބެދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ގާނޫނުތައް ނަގަހައްޓަން ކުރާ މަސައްކަތްތަކުން ކޮންމެވެސް ބަޔަކަށް ވަގުތީގޮތުން ތަކުލީފެއް އަންނާނެ ކަމަށާއި ނަމަވެސް އެކަން ތަހައްމަލު ކުރަން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދާހިލީ ވަޒީރު މި ވާހަކަތައް ދެއްކެވީ ރައްކާ ޕްރޮގްރާމަށް 10 އަހަރު ފުރުން ފާހަގަ ކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.