ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯރޓަކީ އައިލޭންޑް އޭވިއޭޝަންއިން އޮޕަރޭޓް ކުރަމުން އަންނަ އެއަރޕޯޓެކެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވ ސީއީއޯ އަބްދުﷲ ޒިޔާދެވެ. އަދި އައިލެންޑް އެވިއޭޝަންގެ ފަރާތުން ސޮއިކުރެެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު އޮތް 453 އަކަ މީޓަރުގެ ފަޔަރ ރޯޑު ތަޅާލުމާއި، 18,660 އަކަ މީޓަރު ސަރަހައްދެއްގެ ވެލިގަނޑުގެ މަތީ ފަށަލަ ނަގައި ސަބްބޭސް ތައްޔާރުކޮށް ވެއަރިން ކޯސްއެއް އެޅުމާއި 4,047 އަކަ މީޓަރުގެ ސަރަހައްދެއް ގްރޭޑްކޮށް ކޮމްޕެކްޓްކުރުމުގެ މަސައްކަތް ހިމެނޭނެކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެކަމަށް އެކުންފުނިން ބުނެއެވެ.

މާފަރު އެއަރޕޯރޓްގެ އޭޕްރަން ބޮޑުކުރުމުގެ މަސައްކަތް ނިމުމާއެކު އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ޒަމާނީވެ ފުރިހަމަވެގެންދާނެކަމަށް އެމްޓީސީސީއިން ފާހަގަކުރިއެވެ. އަދި މި އެކްސްޕޭންޝަން މަޝްރޫއު ނިމުމުން މި އެއަރޕޯޓްގެ ޚިދުމަތް އިތުރަށް ފުޅާވެ ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެން ދާނެކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

ހަމައެހެންމެ، ޕްރައިވެޓް ޖެޓްތައް ޕާރކް ކުރާނެ އިތުރު ޖާގަ ލިބުމާއެކު ޕްރައިވެޓް ޖެޓްތައް މާފަރު އެއަރޕޯޓްގައި ޖައްސާ ޢަދަދުވެސް ގިނަވެ، ފަތުރުވެރިން އެ ސަރަހައްދަށް އަންނަ އަދަދު އިތުރުވެ، އެއަރޕޯޓަށް ޖެޓް ޕާކިންއިން ލިބޭ އާމްދަނީވެސް ބޮޑުވެގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި މިއީ ނ. އަތޮޅާއި އަދި މާފަރުގެ އިޤްތިސާދީ ތަރައްޤީއަށް ކުރިއެރުންތަކެއް އަންނާނެ މަޝްރޫޢުއެއްކަމަށް އެކުންފުނިން ޤަބޫލުކުރެއެވެ.

މި މަޝްރޫއަކީ 29.85 މިލިއަން ރުފިޔާއަށް 180 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.