އާ ސީޒަނަށް ތައްޔާރުވުމަށް ޓަކައި ސެވިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 4-1 އިން ކާމިޔާބުކޮށް, ލިވަޕޫލުން ފެންވަރުގައި ޕްރީ ސީޒަން ނިންމާލައިފިއެވެ.

ލިވަޕޫލުގެ އެންފިލްޑް ސްޓޭޑިއަމްގައި ކުޅުނު މި އެކުވެރިކަމުގެ މެޗުގައި ލިވަޕޫލުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ލިވަޕޫލުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އެ ޓީމުގެ ސްޓްރައިކަރު ޑިއޯގޯ ޖޯޓާ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ކޮލަމްބިއާގެ ހަލުވި ފޯވާޑް ލުއިސް ޑިއާޒް ވަނީ ލަނޑެއް ކާމިޔާބުކޮށް, ލިވަޕޫލުގެ ލީޑު ދެ ގޯލަށް އިތުރުކޮށްދީފައެވެ. ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ޑިއާޒް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް, ލިވަޕޫލުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. ހާފު ނިމެނިކޮށް ޑިއާޒް ކާމިޔާބު ކުރި މި ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 3-0 އިން ލިވަޕޫލު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސެވިއާއިން ވަނީ ކުޅުން ރަނގަޅުކޮށް ލިވަޕޫލުގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެ ގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ސެވިއާގެ ޕެކޭ ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުންކަނޑާލަދީފައެވެ.

އޭގެ އެއް މިނެޓު ފަހުން ލިވަޕޫލުގެ ޒުވާން މިޑްފީލްޑަރު ޓްރޭ އެންޔޯނީ ވަނީ ލަނޑު ޖަހާ އަނެއްކާ ވެސް ލިވަޕޫލުގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. އެންޔޯނީގެ މި ލަނޑާއެކު ލިވަޕޫލުން ވަނީ ފަސޭހަކަމާއެކު ސެވިއާ ބަލިކޮށް ޕްރީ ސީޒަން މޮޅަކުން ނިންމާލާފައެވެ.

ލިވަޕޫލުން ވަނީ ދެވަނަ ސްކޮޑަކާއެކު ލަސް ޕާމާސްއާ ދެކޮޅަށް ވެސް އިއްޔެ ކުޅެފައެވެ. ސަޕޯޓަރުންނަށް ނުވަދެވޭނެހެން ނުރަސްމީ ކޮށް ކުޅުނު މި މެޗު ނިމިގެންދިޔައީ 0-0 އިން އެއްވަރުވެގެންނެވެ.