ޕްރީ ސީޒަނުގެ ފަހު މެޗުގައި އިންޓާ މިލާން އަތުން 1-1 އިން އެއްވަރުވެ, ކުޅުނު 6 މެޗުން އެންމެ މޮޅަކާއެކު ޗެލްސީއިން ޕްރީ ސީޒަން ނިންމާލައިފިއެވެ.

ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި އިއްޔެ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އިންޓާ މިލާނެވެ. މި ލަނޑަކީ, މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމުގެ ސްޓްރައިކަރު, މާކަސް ތުރަމް ކާމިޔާބުކުރި ލަނޑެކެވެ. ތުރަމްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން އިންޓާ މިލާން ކުރީގައި އޮވެގެންނެވެ.

ދެވަމަ ހާފުގައި ޗެލްސީއިން ވަނީ ކުޅުން ރަނގަޅުކޮށް, އިންޓާ މިލާނުގެ ގޯލަށް ހަމަލާއަކަށްފަހު ހަމަލާއެއް ފޮނުވާލާފައެވެ. ޗެލްސީއިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 90 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ލެސްލީ އުގޮޗުކްވޫ ކާމިޔާބު ކުރި ލަނޑެކެވެ. އުގޮޗުކްވޫ, ފަހު ވަގުތު ކާމިޔާބު ކުރި މި ލަނޑާއެކު ޗެލްސީ ވަނީ ޕްރީ ސީޒަނުގެ ފަހު މެޗުން ބަލިނުވެ ސަލާމަތްވެފައެވެ.

އިންޓާ މިލާން އަތުން 1-1 އިން އެއްވަރުވުމާއެކު ޗެލްސީ ޕްރީ ސީޒަނުގައި ކުޅުނު 6 މެޗުގެ ތެރެއިން މޮޅުވެވިފައި މި ވަނީ އެންމެ މެޗަކުންނެވެ. އެއީ, ކްލަބް އެމެރިކާއާ ދެކޮޅަށް 3-0 އިން މޮޅުވި މެޗެވެ. ޗެލްސީއިން ދެން ކުޅުނު 5 މެޗަށް ބަލާލާއިރު އޭގެ ތެރެއިން 2 މެޗުން އެ ޓީމު އެއްވަރުވެފައިވާއިރު 3 މެޗުން ވަނީ ބަލިވެފައެވެ.