ޖުލައި 2024 ގައި 2.93 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިދާޅުވެއްޖެއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %17.1 ދަށް އަދަދެކެވެ. އަދި، ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %16.4 އިތުރު އަދަދެއްކަމަށް މީރާއިން މައުލޫމަތުދެއެވެ.

މީރާއިން ވިދާޅުވި ގޮތުގައި، ޖޫން 2023 ގައި އީދު ބަންދާއި ދިމާވުމާއި ގުޅިގެން ސުންގަޑި ޖުލައި މަހަށް ފަސްކުރިނަމަވެސް، ޖުލައި 2024 ގައި ސުންގަޑިއައް ބަދަލެއް އައިސްފައި ނުވާތީ، ޖުލައި 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2024 ގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

މީގެއިތުރުން، ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ޖުލައި 2023 އާއި އަޅައިބަލާއިރު، ޖުލައި 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %2.4 އިތުރުވެފައިވާތީ، ޓީ.ޖީ.އެސް.ޓީގެ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ވިދާޅުވެފައިވެއެވެ.

2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ދައްކަން ޖެހޭ، 2024 ވަނަ އަހަރުގެ ދެ ވަނަ އިންޓެރިމްގެ ފައިސާވެސް މީރާއިން ވަނީ ޖުލައިމަހު ބަލައިގަނެފައިކަމަށް އެ އިދާރާއިން ހާމަކުރިއެވެ. މީގެ އިތުރުން، ރިސޯޓުތަކުގެ ކުލީގެ ކުރީގެ ސުންގަޑިތަކުގެ ފައިސާ މި މަހު ބަލައިގަނެފައިވާތީ އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމަށްވެސް މީރާއިން ވިދާޅުވިއެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، އެންފޯރސްމަންޓް ފިޔަވަޅުތަކާއި ގުޅިގެން، ކުރީގެ ސުންގަޑިތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ފައިސާ މީރާއަށް ލިބިފައިވުމަކީވެސް ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވި ސަބަބެކެވެ.

ޖުލައި 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންކަމަށް މީރާއިން މައުލޫމަތުދެއެވެ. އެއީ %50.07 ނުވަތަ 1.47 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ ގެ ގޮތުގައެވެ. އެއީ %33.33 ނުވަތަ 997.31 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި 116.28 މިލިއަން ރުފިޔާ (%3.96)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 77.83 މިލިއަން ރުފިޔާ (%2.65)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި 75.05 މިލިއަން ރުފިޔާ (%2.56)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 217.78 މިލިއަން ރުފިޔާ (%7.43) ލިބިފައިވާކަމަށް މީރާއިން ވިދާޅުވިއެވެ.

ޖުލައި 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 75.77 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.