(ސަތާރަވަނަ ބައި)

އަލީނާގެ ލޯމަތިން ފާޒިލް ގެއްލުމާއެކު އަލީނާ އެނބުރުނީ ނަވާރާ ދިމާއަށެވެ.

"ފާޒިލްގެ ސައިކްގެ ފަހަތުގައި އިންނައިރު ވަރަށް ހިތްގައިމު ދޯ!" އަލީނާގެ ޖުމުލަތަކަށްވުރެ އެ ޖުމުލަތައް ބުނި ރާގު ނަވާރަށް ވިހަކަން ބޮޑެވެ.

"ލުކް އަލީނާ، އެއީ މިހާރު އަހަރެންގެ ހަސްބަންޑް އިނގޭ! ތި ގޮތަށް ވާހަކަދެއްކުން ރީއްޗެއްނޫން!" ނަވާރު އުޅުނީ ކަމުގެ ހަގީގަތް ހާމަކޮށްދީގެން އަލީނާއަށް ވިސްނައިދެވޭތޯއެވެ. ޔަގީނުންވެސް ނަވާރު އެހާމަކުރި ހަގީގަތުން އަލީނާއަށް ލިބުނު ހައިރާންކަން ވަރަށް ބޮޑެވެ. އިތުރަށް ބަހެއް ނުބުނެ ވަގުތުކޮޅެއް ދިޔައީވެސް އެހެންވެއެވެ. އެހެންނަމަވެސް އެ ހިތުގައި ނަވާރަށްޓަކައި އަނދައިގަތް ނަފްރަތުގެ ހުޅުގަނޑު ހައްދުން ނައްޓަން ނެގީ މަދު ސިކުންތުކޮޅެކެވެ.

"ނާ ހަމަ ތެދެއް! ތިވަރުގެ މީހަކު އަހަރެން ކަހަލަ އެބައުޅޭ މިބައުޅޭ މީހަކު ބާކޮށްފަ ހުރި މީހަކާތަ ތި އިނީ! ހަހް، އެކަމަކު އެ ސޮރު ނުލާހިކު ބަލާލަން ވެސް އަދި އެހެންކަންކަމަށްވެސް ހަމަ ވަރަށް ފައްކާ އިނގޭ!" އަލީނާގެ ވިހަ ޖުމުލަތަކުން ނަވާރުގެ ހިތުގައި ޖެހި ރޮވޭގޮތް ވެއްޖެއެވެ. އެކަމަކު އިތުރަށް ވާހަކަ ނުދައްކާ ކެތްތެރިވެވޭތޯ ބެއްޔެވެ.

"ތިމަންޖެ ގައިގަ އެބަހުރިތަ ފާޒިލް ހާސިލް ކުރެވޭހާ ހިތްވަރު.... އަހަންނަކަށް ހިއެއް ނުވޭ! އަހަރެން ކައިރީ ބުނި .... ދުވަހަކުވެސް އަހަރެން ހަނދާން ނައްތައެއް ނުލާނަމޭ!" ދެންވެސް ނަވާރު ހުރީ މަޑުންނެވެ. އަލީނާގެ ކަންކަށިމަތީ ޖަހާފާނަމޭ ވެސް ކިތަންމެ ފަހަރަކު ނަވާރުގެ ހިތަށް އެރިއެވެ. އެކަމަކު ނަވާރުގެ ހައިސިއްޔަތު ނަވާރު ހަނދާނުގައި ބެހެއްޓެިއެވެ.

"ފާޒިލް ކަހަލަ ފިރިހެނުންނަކަށް .... ނުފުދޭނެ! އަބަދުވެސް އާކުރަން ބޭނުންވާނީ! ތިވެސް އެކަހަލަ ކަމެއް! ... އެހެންނޫނަސް ފާޒިލް އަކަށް....!"

"ބަން!" އެ އިވުނީ އަލީނާގެ އަނގަމައްޗަށް އެރި އެތިފަހަރެއްގެ އަޑެެވެ. ދެން ފެނުނީ ނަވާރު އެތެރެއަށް ދުއްވައިގަތްތަނެވެ. އަލީނާ އެ ލޮނުމިރުސް އެޅީ ނަވާރުގެ ޒަޚަމްވެ ޅީއެޅިފައިވާ މުޅި ހިތުގައެވެ. އަލީނާ އެ ދެއްކީ ކޮންފަދަ ދަށުދަރަޖައިގެ ވާހަކަތަކެއްހެއްޔެވެ!

ތިންވަނަ ފަންގެފިލާއަށް ލިފްޓް މަޑުކުރިއިރުވެސް ނަވާރަށް މާނޭވާ ލެވެނީއެވެ. ހާސްވަނީއެވެ. މިހާލަތުގައި ހުރެ މަންމައަށް މޫނުދައްކާކަށް ނަވާރަކަށް ނުކެރޭނެއެވެ. އަނެއްކޮޅުން ލިފްޓްތެރެއަކު ވެސް ނަވާރަކަށް ނުހުރެވޭނެއެވެ. އެ ހަންޑިގަނޑު މައްޗަށް އަރާނީ ފާޒިލް ގައިގާ އޮޅުލައިގެން ހުރެ ނޫންކަމެއްވެސް ނޭނގޭނެއެވެ.

ނަވާރު ލިފްޓުން ފައިބާ މަޑުކޮށްލިއެވެ. އަދި ދެން ކަންތައްކުރަންވީ ގޮތަކާމެދު ވިސްނައިލިއެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު ފާޒިލް އެއީ އޭނަގެ ފިރިމީހާއެވެ. ނަވާރު ދާންޖެހޭނީ އެ ކޮޓަރިއަށެވެ. ކުރިމަތިލާން ޖެހޭނީ ފާޒިލްއާއެވެ. ނަވާރު ނެގީ އަތްދަބަހުން ފާޒިލްގެ ކޮޓަރީގެ ޑަބަލް ތަޅުދަނޑިއެވެ. އެއަށްފަހު އެ ކޮޓަރީއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ފާޒިލްއަށް ފާރމަސީއާ ހަމައަށް ނުދެވެނީސް ވާރޭކަނި ޖަހަން ފަށައިފިއެވެ. އެހެންނަމަވެސް ތެމުނަސް ވަރިހަމަ ކަމަށްބަލައި ބޭސް ގަނެގެން އެނބުރި އަވަހަށް އައީ ނަވާރު ގާތު މަޑުކުރަން ވެސް ބުނެވިފައި އޮތުމުން ނަވާރު އެތާ ގިނަ އިރު ނުބަހައްޓަންވެގެންނެވެ. އެކަމަކު ފާޒިލް އައިއިރު އެތާ ހުރީ އަލިނާއެވެ.

"ކޮބާ ނަވާރު!" ފާޒިލްއަށް އެހެން އެހުނީ އިޚުތިޔާރުން ބޭރުގައެވެ.

"އޯހް، ކޮންގްރެޖްލޭޝަންސް!، މެރީކުރީ ދޯ! ނުވެސް ބުނަމެންނު! އެނީވޭ! ތޭންކްސް އިނގޭ!" ބޭސްކޮތަޅު ހިފައިގެން އަލީނާ ހިނގައިގަތީ އެތެރެއަށެވެ. މޫނުމަތީގައިވަނީ ވިހަ ހިނިތުންވުމެކެވެ. ފާޒިލް ދިޔައީ ސައިކަލް ޕާކްކުރުމަށެވެ.

ނަވާރު ގާތު މަޑުކުރަން ބުނުމުންވެސް މަޑުނުކޮށް ދިޔައީތީ ފާޒިލްގެ ހިތުގައި ވަނީ ޝަކުވާއެވެ. މިރޭ... ކައިވެނީގެ މި ފުރަތަމަ ރޭ ވެސް ނަވާރު އޭނައަށް ގަދަރުނުކުރީތީއެވެ. ފާޒިލް ހީކުރީ ނަވާރު ދާނީ ނަވާރުގެ މަންމަ ގާތަށް ކަމަށެވެ. ހަމަ ޖެހިފައި އޮތްގޮތުން އައިޝާ ވެސް ދެން ނިދާނީ އެ ބައިގަކަން ފާޒިލް ހަނދާން ހުއްޓެވެ.

ނަވާރު އަންނަންދެން ފާޒިލް ކޮޓަރީގައި މަޑުކުރާނީއެވެ. ފާޒިލް ދިޔައިރު ކޮޓަރިހުރީ ތަޅުލާފައެވެ. އެހެންކަމުން ދޮރު ހުޅުވާލާފައި ކޮޓަރީގެ ބޮކި ދިއްލައިލީ އަނދިރިކަމުންނެވެ. ގަމީހުގެ ގޮއް ނައްޓަމުން ކުރިޔަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ފާޒިލްގެ ލޮލުގައި އަޅައިގަތީ ނަވާރެވެ. އޮތީ އައިޝާގެ އެނދުގައެވެ. ހެދުންވެސް ބަދަލުނުކޮށެވެ. ހީވާގޮތުން ނަވާރަށް އެ އޮތީ ނިދިފައެވެ.

ނަވާރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ފާޒިލްއަށް ހުރެވުނެވެ. ދެންކަންތައް ކުރާނެ ގޮތެއް ނޭނގިފައެވެ. އެހެންވިޔަސް ފާޒިލް އެއީ ނަވާރުގެ ފިރިމީހާއެވެ. މިފަދަ ވަގުތުތަކުގައި ނަވާރުއަށް އެކަނިވެރިކަން ނުވަތަ ފާޒިލް ނަވާރާ މެދު ނުވިސްނާކަން ދޭހަވާމޭރުމަކުން ކަންކޮށްގެން ނުވާނެކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ.

ކިތަންމެ ވަރަކަށް ވިސްނައިދޭން ބޭނުންވިޔަސް ފާޒިލްއަށް ހުރެވުނީ ފަސްޖެހިފައެވެ. ނުކެރިފައެވެ. އެހެންވިަޔސް ހިތްވަރު ކޮށްލާފަ ގޮސް ނަވާރުގެ މަގަތުން އިށީނެވެ. އަދި ނަވާރުގެ ކޮނޑުގައި ހިފައި މަޑުމަޑުން ފާޒިލްއާ ވީފަރާތަށް އަނބުރާލަން އުޅުނެވެ.

"ނަވާ!" ފާޒިލް ގޮވައިލިއަޑު ނަވާރަށް އިވުނެވެ. އެކަމަކު އެ އަޑު އިވުނުކަމަކަށް ނެހެދިއެވެ. ބޭނުންވީ ފާޒިލް އިތުރަށް ރުޅިއަރުވާ ދެރަކޮށްލުމަށެވެ. ދެންމެ އަލީނާގެ ފަރާތުން އެ އިވުނު އަޑުތަކުގެ ސަބަބުން ނަވާރު ވަނީ ފާޒިލް ދެކެ މާ ބޮޑަށް ވެސް ފޫހިވެފައެވެ.

"ނަވާ ... ނިދީތަ!" ދެވަނަ ފަހަރަކުވެސް ފާޒިލް ގޮވައިލިއެވެ. އަދި މަޑުމަޑުން ނަވާރުގެ ބޮލުގައި ފިރުމާލަން އުޅުނެވެ. ކުއްލިއަކަށް ނަވާރު ފުންމައިގެން ތެދުވެ އިށީނީ އެނދުގެ މެދުގައެވެ. ދެފައި ވަށްކޮށްލައިގެެންނެވެ. ހީވަނީ ރުޅިއައިސްފުފިފައި އިން ކުކުޅެއްހެންނެވެ. އެހާވެސް ނަވާރު އިނީ ހިތްހަމަ ނުޖެހިަފއެވެ. ހީވިކަހަލައެވެ. ފާޒިލް އެކުރީ ވަރަށް ބޮޑުކުށެކެވެ. ނަވާރުގެ ގައިގާ ފާޒިލް އަތްޖައްސާލައިގެން ނުވާނެއެވެ.

"ކީކޭ ހިތަށް އަރައިގެން ތިއުޅެނީ! ތި ހީކުރީ ހެދިހާ ގޮތަކަށް ހެދިގެން ބޭނުންހާ ކުޅިއެއް މަށާ އެކު ޖެހޭނެކަމަށްތަ! އަހަރެން ގައިގަ އަތް ނުލާތި! އަހަރެން މިއީ ތިހާ ޗީޕް މީހެއްނޫނޭ! ބަލައްޗެ!..." ނަވާރު ހުއްޓައިލިއެވެ. ހިތަށް އައިހާ އެއްޗެއް ދުލުން ބުނެލަން ނިކަން ބޭނުންވިއެވެ. ނަމަވެސް ދެން ހުއްޓައިލީއެވެ.

ފާޒިލްއަށް ލިބުނީ ޝޮކެކެވެ. ގަތީ ލަދެވެ. ވީ ދެރައެވެ. އިންތަނުން ތެދުވާން ވެސް ފާޒިލްއަށް އިނދެވުނީ ނުކެރިފައެވެ. އިސްޖަހާލައިގެންނެވެ. ކިޔާނެ އެއްޗެއް ކިޔުމަށްފަހު ނަވާރުވަނީ ފާޚާނާއަށެވެ. ދަމުން ދަމުން ވެސް ފާޒިލްއަށް ލޯއެޅިކަން ފާޒިލްއަށް އެނގުނެވެ.

ނަވާރު ފާޚާނާއަށް ވަނުމުން ފާޒިލް ނިކުތީ ބޭރަށެވެ. ކޮޓަރީގައި އޮންނަން ނުކެރިގެންނެވެ.

އެރޭ ފާޒިލް ހޭދަކުރީ ކުލީކޮޓަރިއެއްގައެވެ. ނަވާރު އެއީ ޝަރުއީ ހަމަތަކުގެ މަތިން އޭނަގެ ހަލާލު އަނބިމީހާއެވެ. އެހެންވިޔަސް ދެން ނަވާރުގެ ގައިގާ އަތް ޖައްސާލަން ކީއްކުރަން ބީހިލަންވެސް ދުވަހަކުވެސް އޭނަގެ ހިތެއް ނޭދޭނެއެވެ. ދޮންމަންމަ އެދުނީތީ އަދި ބައްޕަ ވެސް އެދިފައިވާތީ ނަވާރާ އޭނައަށް ކައިވެނި ކުރެވިއްޖެއެވެ. މާދަމާ ނަވާރު ބުންޏަސް އޭނާ ނަވާރު ވަރިކޮށްދޭނެއެވެ. އެންމެ ފަހުން ފާޒިލް ނިންމީ އެ ގޮތަށެވެ. މިހާރު ބައްޕަ އެދުނު އެދުން އޭނަ ފުއްދައި ނުދިންކަމަކަށް ނުވާނެތީއެވެ.

ފާޚާނާއިން ނަވާރު ނިކުތްއިރު ހުރީ ހަމައަކަށް އެޅިފައެވެ. އައި ރުޅިން ފާޒިލްއާ ދިމާއަށް ކިޔުނު ގިނަ އެއްޗެހި މިހާރު އޭނާ ހަނދާނެއް ވެސް ނެތެވެ. އެހެންވިޔަސް ފާޒިލް ގާތުން މާފަށް އެދޭކަށް ނަވާރު ނުވިސްނައެވެ. އެނދުގައި ފާޒިލް ނެތުމުން ނަވާރު ހީކުރީ ފާޒިލް އިރުކޮޅަކުން ކޮޓަރިއަށް ވަންނާނެކަމަށެވެ. އަމުދަކުން ނުވަނަސް އޭނައަށް ކީކީހެއްޔެވެ!

ނަވާރުއަރާ އޮށޯތީ އައިޝާގެ އެނދުގައެވެ. އެ ރެއަކީ ވަރަށް ހަމަ ޖެހިލައިގެން ނަވާރަށް ނިދުނު ރެއެކެވެ. ހޭލެވުނީ ގާތްގަނޑަކަށް އަށްގަޑި ބައިވާން އުޅެނިކޮށެވެ. ނަވާރު ފުރޮޅިލިއެވެ. ފުރަތަމަ އެ އޮވެވުނު ތަންވެސް ނަވާރު ހަނދާނެއް ނެތެވެ. ކުރީރޭގެ ހުރިހާ ކަމެއް ހަނދާނަށް އައީ ބިއްދޮށަށް އެނބުރި އަލުން ބާލީހެއްގައި ބައްދާލައި ދެލޯ މަރައިލުމުންނެވެ. ދެން މަޑުމަޑުން ކަނދުރާ އަނބުރާލައި ފާޒިލްގެ އެނދަށް ބަލައިލިއެވެ. ހީކުރި ގޮތާ ޚިލާފަށް އެނދުހުރީ ހުސްކޮށެވެ. އެެތާކު ފާޒިލްއެއް ނެތެވެ.

"ހަހް، މަށަށް ކީއް މަށަށް ނުގޮވިޔަސް!" ނަވާރު އައީ ރުޅިއެވެ. ދެން އަނެއްކާ ވެސް ނިދާލުމުގެ ބޭނުމުގައި ދެލޯ މަަަރައިލިއެވެ.

ފާޒިލްގެ ފޯނުކޯލު ހަފީޒާއަށް ލިބުނީ އައިޝާއަށް ކާ

ންދޭން އިންދައެވެ.

"ދައްތާ، ކޮބާ އައިޝާ!" ފާޒިލް ބޭނުންވީ އައިޝާ ހުރީ ކައިގެންތޯ ޔަގީން ކުރުމެވެ.

"އަހަރެމެން ކަނީ! ދަރިފުޅުމެން ކެއީތަ! ކޮބާ ނަވާރު!"

އައިޝާ ބަލާ ދާނަން އިރުއޮއްސޭގަޑީގަ... އެހެން ބުނެލާ!" އެ ހިސާބުން ފާޒިލް ފޯނު ކަނޑައިލިއެވެ.

ހަފިޒާގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އައިޝާ ބަލާ ނައަޔަސް ހަފީޒާގެ މައްސަލައެއް ނެތެވެ. އެކުދިންގެ ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ދެކުދިން އެކުގައި ވަގުތު ހޭދަކުރުން މުހިންމުވަރު ހަފީޒާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ފާޒިލްއަށް ކުރީ ރޭ ނިދުނީ ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރަށެވެ. އެހެންކަމުން އެ ދުވަސް ފާޒިލް ނެގީ ޗުއްޓީ ދުވަހެއްގެ ގޮތުގައެވެ. އެހެންވިޔަސް މެންދުރު ވުމުން އެނދުގައި އޮންނާކަށް ފާޒިލް ބޭނުމެއް ނުވިއެވެ. ފެންވަރާ ތާޒާވެލަން ވެސް ފާޒިލް ނުހަނު ބޭނުމެވެ. ކުލީ ކޮޓަރިއަކަށް ވިޔަސް އެތަނުން ދަތްއުނގުޅާލާ ފެންވަރާލެވޭނެ ގޮތެއް ނެތުމުން ފާޒިލް ނިންމީ އަމިއްލަ ކޮޓަރިއަށް ދިއުމަށެވެ.

ކުރިމަތިލާން ޖެހިފައިވާ ހާލަތު އުދަނގުލެވެ. އެކަމަކު އެ ހާލަތާ ބައްދަލުކުރަން މިއަދު ފާޒިލްއަށް މަޖުބޫރެވެ. ދިރިއުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ފާޒިލް ވަނީ ދެން ކުރިމަތިވެދާނެ ކަމަކީ ކޮބައިތޯ ޚިޔާލު ހިންގަމުންނެވެ. ނަސީބަކުން އޭރު ވެސް ނަވާރު އޮތީ ނިދާފައެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގައިލުމުން ނަވާރު އެ އޮތީ އެއްޗެއް ނުކައިކަން ފާޒިލްއަށް އެނގުނެވެ. ދޮންމަންމަ ކުރި ސުވާލުންނާއި ވެސް އެކު އެކަން ފާޒިލްއަށް ޔަގީނެވެ.

ފާޒިލްވަނީ ފާޚާާއަށެވެ. އޭގެ ކުރިން ނަވާރަށް ކާއެއްޗިއްސަށް އޯޑަރދީފައެވެ. އަނބިމީހާ ހުރީ ކައިގެންކަން ޔަގީން ކުރުން އެއީ ފިރިމީހާ ކުރަންޖެހޭނެކަމެކެވެ.

ފެންވަރާ ތާޒާވެލައިގެން ފާޒިލް ބޭރަށް ނިކުތީ އޯޑަރކުރި ކާއެއްޗެހި އައުމުން އެ އެއްޗެހި އައިޝާ ކިޔަވަން އިށީންނަ މޭޒުމަތީ ބެހެއްޓުމަށްފަހު ކުޑަނޯޓެއް ވެސް އެތާ ބާއްވާފައެވެ.

ފާޒިލް ކެއީ ބޭރުންނެވެ. އޭގެ ފަހުގައި ދިޔައީ ރައްޓެއްސަކާ އެކު ކޮފީއަކަށެވެ. އެއީ އަލަތު ކައިވެންޏެއް ކޮށްގެން މާމުއި ހަނދުގެ ދުވަސްތައް ފެށި މީހެއް ކަމެއް ފާޒިލްގެ އެއްވެސް ރަހުމަތްތެރިއަކަށް ނޭނގޭނެއެވެ. އެއީ އޭނަގެ ނަސީބެވެ.

ނަވާރު އެނދުން ހިއްލައިލީ ބަނޑުހައިވެގެން ހާންތިވީމައެވެ. ބަނޑުފައި ވީމާ ފާޒިލް ދެކެ އައިސްފައިވާ ރުޅި އިތުރަށް ގަދަވެގެންދިޔައެވެ. އޭނާ މިކައިވެނި ކުރީ ކީއްކުރަންހެއްޔެވެ! މިަކއިވެނިން އޭނައަށް ލިބުނީ ކޮން އުފަލެއްހެއްޔެވެ! އިތުރަށް ލިބުނީ ނުތަނަވަސްކަމެވެ. ހިތްހަމަ ނުޖެހުމެވެ. ވީއިރު އަލީނާއަށް ދެރައަކަށް ... އަލީނާއަށް ފާޒިލް ލިބުނަ ނުދޭން އޭނާ މިކައިވެނި ކުރުމުގައި އޮތް ފައިދާއެއް މިވަގުތު ނަވާރަކަށް ވެސް ނުވިސްނުނެވެ. އެވެސް އަދި އަލީނާ ބޭނުންކޮށް ބާވެފައިވާ މީހަކާއެވެ. އޭގެ ކުރިން މިކަން އެނގުނު ނަމަ އޭނަ މިކައިވެންޏެއް ނުކުރީހެވެ.

އެކިއެކި ފިކުރުތަކުގައި ހުރެ ފެންވަރާ ތާޒާވެލީމާ ހައްޓަށް ލިބުނީ ހަމަޖެހުމެވެ. ހިތަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިއްޖެހެން ހީވެއެވެ. ތުވާލިން ބޯހިއްކަމުން އެތެރެއަށް ވަދެގެން އައި ނަވާރަށް އައިޝާ ކިޔަވާ މޭޒުމަތީ ހުރި ޕާރްސަލް ކޮތަޅު ފެނުނީވެސް އިރުކޮޅެއް ފަހުންނެވެ.

އިރުކޮޅަކު އެއަށް ބަލަހައްޓައިގެން ހުރުމަށްފަހު މަޑުމަޑުން ހިނގާލާފަ ގޮސް މޭޒުކައިރީ ހުއްޓި ރަނގަޅަށް ބަލައިލިއެވެ.

-ނުނިމޭ-