ރާއްޖޭގެ މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް(މެޓް)އިން ނެރެފިއެވެ.

މެޓުން މި ކަން ހާމަކޮށްފައިވަނީ އެކްސްގައި މިއަދު ހެނދުނު ޕޯސްޓެއްގައެވެ.

މެޓުން ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދު ތަކަކީ ހއ. ފެށިގެން ބ އަތޮޅާ ހަމައަށެވެ. އަދި ހުދު ސަމާލުނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީ އަށެވެ.

މެޓުން ބުނީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނިގުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މެންދުރު 13:00 ހަމައަށެވެ.

މީގެއިތުރުން ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށްވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނިގުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މެންދުރު 12:30 ހަމައަށެވެ.

މެޓުން ބުނީ ކަނޑުތަކުގެ ރާޅުގެ އުސްމިން މިއަދު ހުންނާނީ 4 ފޫޓާއި 7 ފޫޓާއި ދެމެދުގައިކަމަށެވެ.

އެ އިދާރާއިން ވަނީ ބޯކޮށްވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.