ކޮންމެ އަހަރަކު ވެސް އާ ސީޒަނަށް ތައްޔާރުވުމަށް ޓަކައި ބާސެލޯނާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޖޯން ގޭމްޕާ ކަޕުގައި 3-0 އިން އޭއެސް މޮނާކޯ އަތުން ބަލިވެ, 12 އަހަރަށްފަހު ޖޯން ގޭމްޕާ ޓްރޮފީ ބާސެލޯނާ އަތުން ރޭ ބީވެއްޖެއެވެ.

ބާސެލޯނާގެ ވަގުތީ ދަނޑު ކަމުގައިވާ އެސްޓާޑީ އޮލިމްޕިކް ލުއިސް ކޮމްޕެނީސްގައި އިއްޔެ ކުޅުނު މެޗުގައި މޮނާކޯއިން އެ ޓީމުގެ އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އެ ޓީމުގެ މިޑްފީލްޑަރި ލަމީން ކަމަރާ ކާމިޔާބު ކުރި ލަނޑެކެވެ.

ކަމަރާ, މޮނާކޯއަށް ލީޑު ނަގައިދިންތާ 7 މިނެޓު ފަހުން އެ ޓީމުގެ ސްޓްރައިކަރު ބްރީލް އެމްބޯލޯ ވަނީ ލަނޑު ޖަހާ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. މި ލަނޑަކީ, ދާދި ފަހުން ލިވަޕޫލު ދޫކޮށް މޮނަކޯއާ ގުޅުނު ޓަކުމީ މިނަމީނޯ ފަހިކޮށްދިން ފުރުސަތަކުން އެމްބޯލޯ ކާމިޔާބު ކުރި ލަނޑެކެވެ.

ބާސެލޯނާ ކުޅުންތެރިންގެ ހިތްތަކަށް އިތުރަށް މާޔޫސްކަމެއް ލިބިގެންދިޔައީ މެޗުގެ 86 ވަނަ މިނެޓުގައި މޮނަކޯގެ ޑިފެންޑަރު ކްރިސްޓިއަން މަވިސާ ލަނޑެއް ކާމިޔާބުކޮށް, މޮނަކޯއަށް ތިން ލަނޑުގެ ލީޑެއް ނަގައިދިނުމުންނެވެ. މަވިސާގެ މި ލަނޑާއެކު މެޗު ނިމިގެންދިޔައީ 3-0 އިން މޮނަކޯ ކުރި ހޯދައިގެންނެވެ.

ބާސާ މި މެޗުން ބަލިވުމާއެކު, މިއީ އެ ޓީމަށް 12 އަހަރު ތެރޭގައި ޖޯން ގޭމްޕާ ޓްރޮފީ ހާސިލުނުކުރެވުނު ފުރަތަމަ ފަހަރެވެ. ބާސާ, އެންމެ ފަހުން ޖޯން ގޭމްޕާ ކަޕުން ބަލިވީ 2012 ވަނަ އަހަރުގައެވެ. އެ އަހަރު ޖޯން ގޭމްޕާ ޓްރޮފީ ހާސިލުކުރީ, 1-0 އިން ބާސާ ބަލިކުރި ސަމްޕްޑޯރިއާއެވެ.