މި ފެބްރުއަރީ މަހުގެ 26 ގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށަން މެލޭޝިޔާ ތައްޔާރު ވެއްޖެއެވެ.
ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމުގެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހާނީ މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއެވެ.
ބޮޑުވަޒީރު ވެކްސިން ޖެހުމާއެކު، މެލޭޝިޔާގައި ކޮވިޑް ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ވެކްސިން ޖެހުން ފެށިގެންދާނެ ކަމަށް އެގައުމުން ހާމަކޮށްފައި ވެއެވެ.
ފެބްރުއަރީ 26 ގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށޭނެކަން އިއުލާން ކުރެއްވީ ގައުމީ ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވަމުން ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއެވެ.
ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވަމުން ބޮޑުވަޒީރު މުހްޔިއްދީން ޔާސީންވަނީ، މެލޭޝިޔާގެ ކޮވިޑް ވެކްސިން ޕްރޮގްރާމާބެހޭ އާންމު މައުލޫމާތު ހިމެނޭ ހޭންޑްބުކް ނުވަތަ އާންމުން ބޭނުންކުރުމަށް ރިފަރެންސް ގައިޑެއް އިފްތިތާހް ކޮށްދެއްވާފައެވެ.
ގައުމާ މުޚާތަބު ކުރައްވަމުން މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވަނީ، ފައިޒަރ-ބަޔޯއެންޓެކްގެ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ 21 ގައި މެލޭޝިޔާއަށް ލިބޭނެކަން އިއުލާން ކުރައްވާފައެވެ.
މެލޭޝިޔާއަށް ގެންނަ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓްގައި ހިމެނެނީ ކިހާ ވެކްސިނެއްކަމެއް ބޮޑުވަޒީރު ހާމައެއް ނުކުރައްވައެވެ.
އެހެން ނަމަވެސް، ފެބްރުއަރީ 26 ގައި ފްރަންޓްލައިންސްގެ ސްޓާފުންނަށް ވެކްސިންދޭން ފަށާއިރު، އެމީހުންނަށް ވެކްސިން ދިނުން އޭޕްރީލް މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ވެއެވެ. އެއީ، ގާތްގަނޑަކަށް ބައިމިލިއަން މީހުންނެވެ.
ދެވަނަ ފިޔަވަހީގެ ދަށުން ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކުގެ ސަބަބުން ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ.
އޭޕްރީލް މަހުން ފެށިގެން އޮގަސްޓާ ހަމައަށް އެމީހުންނަށް ކޮވިޑް ވެކްސިންދޭން މެލޭޝިޔާއިން ކަނޑައަޅާފައި ވާއިރު، އެއީ ގާތްގަނޑަކަށް 9.4 މިލިއަން މީހުންނެވެ.
އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެށުމަށް ހަމަޖައްސާފައިވަނީ މެއިމަހުން ފެށިގެންނެވެ. އެ އުމުރުފުރާގެ މީހުންނަށް ވެކްސިން ދިނުން މެއިމަހުން ފެށިގެން 2022 ވަނަ އަހަރުގެ ފެބްރުއަރީއަށް ދެމިގެންދާނެ ކަމަށް މެލޭޝިޔާއިން ބުނެއެވެ.