ލިވަޕޫލަށް ސޮއި ކުރުމަށް ރެއާލް ސޮސައިޑޭޑްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ދެކޮޅު ހަދައިފިއެވެ.
ފުޓުބޯޅަ ޖާނަލިސްޓު ފަބްރީޒިއޯ ރޮމާނޯ ވަނީ ޒުބިމެންޑީ ލިވަޕޫލަށް ސޮއި ނުކުރަން ނިންމިކަން ޔަގީން ކޮށްދީފައެވެ. ޒުބިމެންޑީގެ ރިލީސް ކްލޯސްގެ ގޮތުގައި ދައްކަން ޖެހޭ 60 މިލިއަން ޑޮލަރު ދައްކަން ލިވަޕޫލުން ތައްޔާރަށް ތިބި ކަމުގައިވިއަސް ޒުބިމެންޑީ ވަނީ ރެއާލް ސޮސައިޑޭޑްގައި މަޑު ކުރަން ނިންމާފައެވެ.
ޒުބިމެންޑީ, ލިވަޕޫލަށް ސޮއި ކުރަން ދެކޮޅު ހެދުމާއެކު ރެއާލް ސޮސައިޑޭޑްއިން އަންނަނީ އޭނާއަށް އާ ކޮންޓްރެކްޓެއް ދިނުމަށް ތައްޔާރުވަމުންނެވެ. ރިޕޯޓުތަކުން ހާމަކުރާ ގޮތުގައި ރެއާލް ސޮސައިޑޭޑްއިން ޒުބިމެންޑީއަށް ހުށައަޅާ ކޮންޓްރެކްޓުގައި އޭނާއަށް ކަނޑައަޅާފައިވާ މުސާރައަކީ, ލިވަޕޫލުން އޭނާއަށް ދޭން ހުށައެޅި މުސާރައަށްވުރެ މާ ކުޑަ މުސާރައެކެވެ.
ލިވަޕޫލަށް ސޮއިކޮށް, ބޮޑު މުސާރައެއް ހޯދުމުގައި ބަދަލުގައި ޒުބިމެންޑީ ރެއާލް ސޮސައިޑޭޑްގައި މަޑުކުރަން ނިންމީ އެ ކްލަބު ދެކެ އޭނާ ލޯބިވާތީ ކަމަށް ފަބްރީޒިއޯ ރޮމާނޯ ވަނީ ހާމަކޮށްފައެވެ. ޒުބިމެންޑީ ވަނީ މީގެ ކުރިން ބަޔާން މިއުނިކާއި އާސެނަލް އޭނާ ސޮއި ކުރަން މަސައްކަތް ކުރުމުން ވެސް ރެއާލް ސޮސައިޑޭޑް ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ.