ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށް ހާއްސަ މަސައްކަތެއް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން، ފުލުހުން ބުނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ 55 ތަނެއްގައި ވެލި ބަސްތާ ޖެހުމާއި ފަސް ތަނަކުން ފެން ހިއްކުމާއި، ފެން ހިންދާ ޕަންޕު ފަސް ތަނެެއްގައި ޖެހުމަށް އެހީތެރިވުމާއި، ފާހާނާ ޖަންކްޝަނުން ފެން ބޭރުވާތީ ދެތަނަކަށް އެހީތެރިވެ ދިނުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެފަރާތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެއިތުރުން ހުޅުމާލެ މުހައްމަދު ގާސިމް ޕްރީ ސްކޫލަށް ފެންވަންނާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
އަދި އަތޮޅު ތެރޭގެ ރަށްރަށުގައި ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ހދ. ނެއްލައިދޫ، ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ދިއްދޫ، ތުރާކުނު އަދި އުލިގަމު ބައެއް ގޭގެއަށް ފެންވަދެފައިވާތީ އާއި މަގުތަކުގައި ފެންބޮޑުވެފައިވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ އިތުރުން، އިހަވަންދޫގެ 40 ގެ އާއި ކެލާ 22 ގޭގެ އިތުރުން ބާރަށު 55 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނޯތު ޕޮލިސް ރީޖަނަށް ބަލާއިރު، ނ. މަނަދޫ އަދި ރ. ވާދޫ ގެއަކަށް ފެން ވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި ބ. މާޅޮހުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތްކުރުމުގެ އިތުރުންވެސް ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ދ. ހުޅުދެލި އަދި މ. މުލަކުގައި ފެންބޮޑުވެފައިވާތީ ގޭބިސީތަކާއި ސަރުކާރުގެ އިދާރާތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ފުލުހުން އެހީތެރިވެދީފައިވެއެވެެ.
އަދި ސައުތު ޕޮލިސްގައި ހިމެނޭ، އައްޑޫ ސިޓީ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީ އައްޑޫ ސިޓީ ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާތީ ފުލުހުންވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.