ބޭރުގެ އަސްކަރިއްޔާތަކަށް ވެސް ހުޅުވާލައިގެން އެމްއެންޑީއެފުން ބާއްވާ ކޯސްޓްގާޑް ބޭސިކް ޑައިވިންގ ކޯހުގެ 12 ވަނަ ކޯސް ކާމިޔާބުކަމާއެކު އެމްއެންޑީއެފުން ނިންމާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާއި ކޯސްޓްގާޑް ޓްރޭނިންގ ސްކޫލް ގުޅިގެން ހިންގި 12 ވަނަ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިމަހު 12 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯހުން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސްގެ މިނިސްޓަރ، މުޢާޒު ހަލީމް ކަމަށެވެ.

އަދި ކޯހުން ފާސްވި ދަރިވަރުންގެ މޭމަތީގައި ބެޖު ޕިންކޮށްދެއްވައި، ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ. ކޯހުގެ އިންސްޓްރަކްޓަރުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދު ކަމަށާއި އަދި، ކޯސް ހިނގައިދިޔަ ގޮތުގެ ރިޕޯޓް އިއްވައިދެއްވީ ކޯސްޓްގާޑު 12 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ ކޮސް އޮފިސަރ މޭޖަރ މުހައްމަދު ޝަފީއު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން 14 ހަފުތާގެ މުއްދަތަށް ގިރިފުށީގައި ހިންގި މި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމާއި، މެރިޓުން އެއްވަނަ ދަރިވަރުގެ މަޤާމަށް ހޮވުނީ، ރޯޔަލް މެލޭޝިޔަން ނޭވީގެ އެބުލް ސީމެން މުޙައްމަދު އައިދީލް ބިން އޮތްމަންއެވެ. ފިޓެސްޓް ޑައިވަރުގެ މަޤާމަށް ހޮވުނީ ސްރީލަންކަން ކޮމާންޑޯގެ ލާންސް ކޯޕްރަލް އާރ ޕީ އާރކޭ ދިލްޝަން. މި ކޯހުގައި ބައިވެރިވި ރާއްޖެއިން ބޭރު އަސްކަރިއްޔާތަކުގެ ޑައިވަރުންގެ ތެރެއިން ހޮވާ ބެސްޓް ފޮރިން ސްޓޫޑެންޓް މަގާމަށް ހޮވުނ ރޯޔަލް މެލޭޝިޔަން ނޭވީގެ އެބުލް ސީމެން މުހައްމަދު އައިދީލް ބިން އޮތްމަންއެވެ.

އިނގިރޭސި މީޑިއަމަށް ހިންގި މި ކޯހުގައި ޖުމުލަ 17 ސިފައިން ބައިވެރިވެ ކޯސް ފުރިހަމަ ކުރިއެވެ. މިކޯހުގައި ބޭރުގެ އަސްކަރިއްޔާތަކުގެ ތެރެއިން މެލޭޝިއާ، ސްރީލަންކާ، ނޭޕާލް، ތުރުކީ، ބަންގްލަދޭޝް އިން ނުވަ ސިފައިން ބައިވެރިވިއެވެ.

ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޢިޔާޡްއާއި ބައެއް ޖެނެރަލް އޮފިސަރުންނާއި ކޯސްޓްގާޑްގް ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި ކޯރތަކާއި ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންގެ އިތުރުން ކޯސްޓްގާޑްގެ ބައެއް އޮފިސަރުން ވެސް ބައިވެރިވެލެއްވިއެވެ.