ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު މިލިއަނަކަށް ވުރެ ގިނަ ފައިސާ ހިފަހައްޓައިފި އެވެ.
ކަސްޓަމްސް އިން ބުނީ މި މަހުގެ 12 ވަނަ ދުވަހު ހެނދުނު 7:30 ގައި ބަންގްލަދޭޝްގެ ޑާކާ އަށް ފުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓަކުން ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގްލަދޭޝްގެ 34 އަހަރުގެ ފިރިހެނެއްގެ އަތުން ތަފާތު ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.
އެގޮތުން މި މީހާގެ އަތުން އަތުލައިގަނެވުނު ފައިސާ އަކީ ކަސްޓަމްސް އަށް ރިޕޯޓުކޮށްފައި ނުވާ ފައިސާ ކަމަށްވާއިރު، އަތުލައިގަނެވުނު ފައިސާގެ ޖުމްލައަކީ ދިވެހި ރުފިޔާ އިން ބަލާއިރު 1،148،278.27 (އެއް މިލިއަން ސަތޭކަ ސާޅީސް އަށް ހާސް ދުއިސައްތަ ހަތްދިޔަ އަށް ރުފިޔާ ހަތާވީސް ލާރި) އެވެ.
މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެެ ދަށުން 10،000 ޑޮލަރުން ފެށިގެން މަތީ އަދަދަކަށް ފައިސާ ރާއްޖެއިން ބޭރުކުރާ ނުވަތަ އެތެރެކުރާ ނަމަ ކަސްޓަމްސްއަށް ޑިކްލެއާ ކުރަން ޖެހެ އެވެ.
ކަސްޓަމްސް އިން ބުނީ ޑިކްލެއާ ނުކޮށް ފައިސާ ބޭރުކުރަން އުޅުނު މައްސަލަ މިހާރު ފުލުހުން ބަލަމުންދާ ކަމަށެވެ.