ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާއި އެފްރިކާގެ އެކި ޤައުމުތަކުގައި ފަހަކަށްއައިސް މަކުނު ވިދުރި ނުވަތަ މަންކީ ޕޮކްސްގެ ކޭސްތައް އިތުރުވަމުންދިމަކީ ދުނިޔެއަށް ޢާއްމު ޞިއްޙީ ކުއްލި ނުރައްކަލެއް (ޕީ.އެޗް.އީ.އައި.ސީ) ކަމުގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން އިޢުލާންކޮށްފިއެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް މި އިޢުލާން ކުރެއްވީ 14 އޯގަސްޓް 2024 ގައި، މިނިވަން ކުއްލި ނުރައްކަލުގެ ކޮމިޓީއެއްގެ ލަފާގެ މަތިންނެވެ.

މި އިޢުލާން ކުރެވުނީ އައު މަކުނު ވިދުރި ވައިރަސް ސްޓްރެއިނެއް ކަމުގައިވާ "ކްލޭޑް 1ބީ" އަވަސް ދުވެއްޔެއްގައި ފެތުރެމުންދާތީއެވެ. މި އައު ސްޓްރެއިން މައިގަނޑު ގޮތެއްގައި ފެތުރެމުންދަނީ އިރުމަތީ ޑީއާރުސީގައި ޖިންސީ ގުޅުންތަކުގެ ތެރެއިންނެވެ. މި އައު ސްޓްރެއިނާއި، އަވަށްޓެރި ޤައުމުތަކެއް ކަމުގައިވާ ބުރުންޑީ، ކެންޔާ، ރުވާންޑާ އަދި ޔުގަންޑާގައި ކޭސްތައް އިތުރުވަމުންދިއުމުން ދުނިޔޭގެ ޞިއްޙީ މާހިރުން ކަންބޮޑުވެފައިވެއެވެ. މި އަހަރު މިހާތަނަށް ހަމައެކަނި ޑީއާރުސީގައި 15,600 އަށްވުރެ ގިނަ ކޭސްއާއީ 537 މަރު ރިޕޯޓުކުރެވިފައިވެއެވެ.

ޑރ. ޓެޑްރޯސް ވަނީ މި ބަލި ފެތުރުން ހުއްޓުވުމަށާއި އެފްރިކާއިން ބޭރަށް އިތުރަށް ފެތުރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވިލަރެސްކޮށްގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޑަބްލިއުއެޗްއޯ އިން ދަނީ މި ބައްޔަށް އަސަރުކޮށްފައިވާ ޤައުމުތަކަށް އެހީތެރިވުމަށް ވެކްސިނާއި ފައިސާގެ އެހީ ފަދަ ވަސީލަތްތައް މޮބިލައިޒްކުރަމުންނެވެ.

މިއީ ދެ އަހަރު ތެރޭގައި މަކުނު ވިދުރިއާ ގުޅިގެން ދެވަނަ ފަހަރަށް ކުރެވުނު ޕީ.އެޗް.އީ.އައި.ސީ އިޢުލާނެވެ. މިކަމުން ދައްކުވައިދެނީ މި ބަލީގެ ނުރައްކާތެރިކަން އަދިވެސް ދެމިއޮތްކަމެވެ. މި ބަލި ފުރަތަމަ ފާހަގަކުރެވުނީ 1970 ގައި ކަމަށްވާއިރު، އޭގެ ފަހުން އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި މި ބަލި އެންޑެމިކްވެފައިވެއެވެ.

މި ބައްޔަށް ޝިކާރައަކަށްވާ ފަރާތްތަކުގައި އާންމުކޮށް ފެންނަ ޢަލާމާތްތަކުގެ ތެރޭގައި، ހަށިގަނޑުގައި ތަދުވާ ބިހިތަކެއް ނެގުމާއި، ފޮޅުނެގުން ހިމެނެއެވެ. މީގެ އިތުރުން، ހުން އައުމާއި، ކަރުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި އަދި މުޅި ހަށިގަނޑުގައި ރިއްސުން ފަދަ ޢަލާމާތްތައް ފާހަގަކުރެވެއެވެ. ބައެއް ޙާލަތްތަކުގައި، ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބައެއްކަމުގައިވާ "ލިމްފް ނޯޑްސް" ދުޅަވުމުގެ މައްސަލަވެސް ދިމާވެއެވެ. ޚާއްޞަކޮށް ފާހަގަކޮށްލެވޭ ކަމަކީ، މި ބަލީގެ އިންފެކްޝަން މުއްދަތު، އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކާ އަޅާބަލާއިރު ދިގުވުމެވެ.

މި ބަލި ފެތުރޭ މައިގަނޑު ގޮތަކީ، ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔައެއް އެހެން މީހެއްގެ ހަށިގަނޑަށް ވާސިލްވުމެވެ. މބަލި ފެތުރޭ ޙާލަތްތަކުގެ ތެރޭގައި ކެއްސުމާއި، ކިނބިހި އެޅުމާއި، ރައްކާތެރި ނޫންގޮތުގައި ޖިންސީ ގުޅުން ހިންގުން ހިމެނެއެވެ. މީގެ އިތުރުން، ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ އެއްޗެއް، މިސާލަކަށް އޭނާގެ އަންނައުނު ނުވަތަ ސިރިންޖެއް ފަދަ ތަކެތި އެހެން މީހަކު ބޭނުންކުރުމުންވެސް މި ބަލި ފެތުރުމުގެ ފުރުޞަތު އޮވެއެވެ.

މި ބަލީގެ ނުރައްކާތެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ އަސާސީ އަދި ފުރަތަމަ ފިޔަވަޅަކީ ޓެސްޓުކުރުމެވެ. އެއީ މި ބަލީގެ ޢަލާމާތްތަކަކީ ގައިންގަޔަށް އަރާ އެހެނިހެން ބައެއް ބަލިތަކާ އެއްފަދަ ޢަލާމާތްތަކަކަށް ވާތީއެވެ.