އެޓަލަންޓާ އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ޔޫއެފާ ސުޕަރ ކަޕް ހިއްލާލައިފިއެވެ.
ޕޮލެންޑުގެ ދަނޑެއް ކަމުގައިވާ ނޭޝަނަލް ސްޓޭޑިއަމް ވާސޯގައި ކުޅުނު ފޯރިގަދަ ފައިނަލުގައި ރެއާލުގެ ފަރާތުން ވަނީ ވަރުގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. ރެއާލުބް މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އުރުގުއާއީގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވާޑޭއެވެ.
ރެއާލުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ދާދި ފަހުން ރެއާލާ ގުޅުނު ސުޕަރސްޓަރ ކިލިއަން އެމްބާޕޭ ކާމިޔާބު ކުރި ލަނޑެކެވެ. ރެއާލް މެޑްރިޑުގެ ޖާރޒީއެއްގައި ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭ ކާމިޔާބު ކުރި މި ލަނޑާއެކު ރެއާލުން ވަނީ 2-0 އިން ފަސޭހަކަމާއެކު, މި ދިޔަ ސީޒަނުގެ ޔޫރޮާ ލީގު ޗެމްޕިއަނުން ކަމުގައިވާ އެޓަލަންޓާ ބަލިކޮށްފައެވެ.
މި ސުޕަރ ކަޕް ފައިނަލު ކާމިޔާބު ކުރުމާއެކު ރެއާލުން ވަނީ މިހާރު ޖުމްލަ 6 ސުޕަރ ކަޕް ކާމިޔާބު ކޮށްފައެވެ. އެއާއެކު ރެއާލު ވަނީ, 5 ސުޕަރ ކަޕު ހާސިލުކޮށްފައިވާ އޭސީ މިލާނާއި ބާސެލޯނާ ފަހަތަށް ޖައްސާލައި އެންމެ ގިނަ ސުޕަރ ކަޕު ހާސިލުކުރި ޓީމުގެ މަގާމު ހޯދާފައެވެ.