ސްޕެއިންގެ ޒުވާން ފުޓުބޯޅަ ތަރި ލަމީން ޔަމާލްގެ ބައްޕަ މުނިރް ނަސްރޯއީއަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މުނިރްއަށް ބަޔަކު ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ ރޭގެ ވަގުތެއްގައެވެ. މުނިރްއަށް ހަމަލާ ދިނުމާއެކު އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ސްޕެއިންގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އޭނާއަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ނަމަވެސް ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ނުލިބެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބާސެލޯނާގެ މަޓަރޯގެ ސަރަހައްދެއް ކަމުގައިވާ ރޮކަފޮންޑާގައެވެ. މަންޒަރު ދުއް ފަރާތްތަކުން ހާމަކުރި ގޮތުގައި މުނިރް އޭނާގެ ކުއްތާއާއެކު ހިނގަމުން ދަނިކޮށް ބަޔަކު އޭނާ ވަށާލާ, އަރާރުންވާ މަންޒަރު ވަނީ ފެނިފައެވެ. އޭގެ އިރުކޮޅެއް ފަހުން އެ ބަޔަކު ވަނީ މުނިރްއަށް ހަމަލާ ދިނުމަށް ފަހު އެ ސަރަހައްދުން ފިލާފައެވެ.
މި މައްސަލައިގައި ބާސެލޯނާގެ ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މާރާމާރީގައި ބައިވެރިވި ހަތަރުވަނަ މީހަކު ހޯދުމުގެ މަސައްކަތް އެ ފަރާތުން އަންނަނީ ކުރަމުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ބާސެލޯނާގެ ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.