ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، މޮނިޓަރިންގެ ހާލަތަށް ގެނައި ގދ. ތިނަދޫ، އާންމު ހާލަތަށް ގެނެސްފި އެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ފުރަތަމަ ލާފައި ވަނީ އެރަށުން މާލެ ދަތުރުކުރި ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ފަހުން އައްޑޫ ކްލަސްޓާ އާއި ގުޅުންހުރި މީހަކު ވެސް ވަނީ އެރަށުން ޕޮޒިޓިވްވެފަ އެވެ.

ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބަލާއި ނިމިފައިވާތީ އިތުރަށް މޮނިޓަރިންގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.