ސްވީޑަންއިން މަކުނު ވިދުރި ނުވަތަ މަންކީ ޕޮކްސް ކްލޭޑް I ގެ ފުރަތަމަ ކޭސް ފެނުމާއި ގުޅިގެން ޔޫރަަޕަށް ހާސްކަން ކުރިމަތިވެއްޖެއެވެ.

ކްލޭޑް I އަކީ މި ވައިރަލް ބަލީގެ މާ ނުރައްކާތެރި ވައްތަރެކެވެ. އަދި މިއީ އެފްރިކާއިން ބޭރުގައި ފެނުނު ފުރަތަމަ ކޭސްއެވެ.

ސްވީޑަންގެ ސަރުކާރުން ބުރާސްފަތި ދުވަހު މި ކޭސް ފެނުނުކަމަށް އިޢުލާނުކުރިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ސަރަޙައްދުގައި އިތުރު ކޭސްތައް ފެނިދާނެ ކަމަށް ލަފާކޮއްފައިވެއެވެ. ނަމަވެސް، ސްވީޑަންގެ ދައުލަތުގެ އެޕިޑެމިއޮލޮޖިސްޓް މެގްނަސް ގިސްލެން ވިދާޅުވީ އާންމުންނަށް ހުރި ނުރައްކާ ކުޑަކަމަށެވެ.

ސްވިޑަންގެ ޞިއްޙަތާއި އިޖްތިމާޢީ ކަންތައްތަކާ ބެހޭ ވަޒީރު ޖަކޮބް ފޯސްމެޑް ވިދާޅުވި ގޮތުގައި، މި ބަލި ޖެހުނު މީހާއަށް މަކުނު ވިދުރި ކްލޭޑް I ގެ ބޮޑު އެޕިޑެމިކެއް ފެތުރިފައިވާ އެފްރިކާގެ ސަރަޙައްދަކަށް ދަތުރެއް ކުރުމުގެ ތެރޭގައި ބަލި ޖެހުނީއެވެ. އޭނާ މިހާރު ދަނީ ސްޓޮކްހޯމްގައި ފަރުވާ ހޯދަމުންނެވެ.

މި ކަން ހިނގާފައިމިވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން މަކުނު ވިދުރިއަކީ ދުނިޔޭގެ ޞިއްޙީ ކުއްލި ނުރައްކަލެއް ކަމަށް އިޢުލާނުކުރުމަށް ފަހުގައެވެ. މި ޞިއްޙީ ކުއްލި ނުރައްކާ އިޢުލާނު ކުރެވުނީ ކޮންގޯ ޑިމޮކްރެޓިކް ރިޕަބްލިކް (ޑީއާރްސީ) ގައި ފެތުރުނު އެޕިޑެމިކެއް އެހެން އަވަށްޓެރި ޤައުމުތަކަށް ފެތުރުމާ ގުޅިގެންނެވެ.

ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި މިއަހަރު ޑީއާރްސީގައި މަކުނު ވިދުރިގެ ސަބަބުން 548 މީހުން މަރުވެފައިވެއެވެ. އަދި މި އެޕިޑެމިކް ކޮންޓްރޯލްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވިލަރެސްކޮށްގެން މަސައްކަތްކުރަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ.