ލިޔުއްވީ: ޑރ. މޫސާ އަންވަރު ހަސަން

މިވާހަކަ ބަޔާންވެފައިވާ އާޔަތްތަކުގައި ވަނީ ކުރީ ޒަމާނުގައި އުޅުނު ދެމީހެއްގެ ވާހަކައެވެ. އެ ދެމީހުންގެ މެދުގައި ގާތްތިމާގެ ކަމުގެ ގުޅުމާއި އެކުވެރިކަން އޮތެވެ. އެކަކީ މުއުމިނެކެވެ. އަނެކަކީ ކާފަރެކެވެ. އެ އާޔަތްތަކުގައި އެމީހުންގެ ނަމަކީ ކޮބައިކަމާއި، އުޅުނު ޒަމާނާއި ތަނާއި ޤައުމުގެ ވާހަކަ ބަޔާން ކުރައްވާފައެއް ނުވެއެވެ. އަދި އެދެ މީހުންނަކީ ކޮން ބައެއްކަމާއި، ދިރިއުޅުނީ ކޮން ސަރަޙައްދެއްގައި ކަމާއި ބެހޭ މަޢްލޫމާތެއް ފޮތްތަކުގައި ބަޔާންވެފައެއް ނުވެއެވެ.

މުއުމިނު މީހާ އަކީ ކާބޯތަކެއްޗާއި، ހިފާގެންގުޅޭ ސާމާނު މަދު އަތްމަތި ދަތި، މީހެކެވެ. އެހެން ނަމަވެސް މާތް الله ވަނީ އޭނާއަށް ވަރަށް އަގުބޮޑު ނިޢުމަތެއް ދެއްވާފައެވެ. އެއީ އީމާންކަމާއި، ޔަޤީންކަމާއި، މާތް الله ގެ ޤަޟާ ގަދަރަށް ރުހުމުގެ ނިޢުމަތެވެ. ދެއްވާފައިވާ މިންވަރަށް ރުހި ޤަބޫލުވުމުގެ ސިފައެވެ. މިނިޢުމަތަކީ އަތުން ބީގެންދާ ނިޢުމަތްތައް ކަމުގައިވާ މުދަލާއި ދުނިޔަވީ އުފާތަކަށްވުރެ މަތިވެރި ނިިޢުމަތެކެވެ.

ކާފިރު މީހާއަށް މާތް الله ތަނަވަސްކަމާއި މުދާވެރިކަން ދެއްވާފައިވެއެވެ. ދުނިޔެ ތަނަސްކޮށް ދެއްވިއެވެ. މާތް الله އޭނާއަށް ވަރަށް ގިނަގުނަ މުދަލާއި ތަނަސްކަން ދެއްވިއެވެ. އެއީ އޭނާ ހިމެނިގެންދަނީ ޝުކުރުވެރި ވާ މީހުންގެ ތެރެއިންތޯ ނުވަތަ ދެއްވި ނިޢުމަތަށް ކާފިރުވާ މީހުންގެ ތެރެއިންތޯ ބެއްލެވުމަށެވެ. ނުތަވަ ބޮޑަވެ ކިބުރުވެރިވާ މީހަކަށްތޯ ނުވަތަ ކިޔަމަންތެރިކަމުގެ ގޮތުން ފިޔަގަނޑު ތިރިކޮށްލާ މީހަކަށްތޯއެވެ.

ކާފަރު މީހާއަށް ދެ ބަޤީޗާ ދެއްވާފައިވެއެވެ. ނުވަތަ ދެ ދަނޑު ބިން ދެއްވާފައިވެއެވެ. ކީރިތި ޤުރްއާނުގައި އެ ދަނޑު ސިފަކުރައްވާފައިވަނީ މިފަދައިންނެވެ.

{جَعَلْنَا لأحَدِهِمَا جَنَّتَيْنِ مِن أعنابٍ وحَفَفْنَاهُمَا بِنَخْلٍ وجَعَلْنَا بينهما زَرْعًا * كِلتا الجنَّتَيْن آتتْ أُكُلَهَا ولم تَظْلِم منه شَيئًا وفَجَّرْنَا خلالهما نَهَرًا * وكان لهُ ثَمَرٌ} (الكهف: 32-34)

މާނައަކީ:"އެ ދެމީހުންކުރެ އެކަކަށް، މޭބިސްކަދުރުގެ ދެ ބަގީޗާ ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި އެ ދެ ބަގީޗާގެ ވަށައިގެން ކަދުރުރުއްތައް ލެއްވީމެވެ. އަދި އެދެމެދުގައި ދަނޑުގޮވާންވެސް ލެއްވީމެވެ. އެ ދެ ބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ." އެއީ މޭބިސް ކަދުރުގެ ދެ ބަގީޗާއެވެ. އަދި ވަށައިގެން ކަދުރު ރުއްތައް ހުއްޓެވެ. އަދި އޭނާ މޭ ބިސްކަދުރު ގަސްތަކުގެ މެދުގައި އެހެނިހެން ގަސްތައް ވެސް އިންދައެވެ. އަދި މާތް الله ވަނީ އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ލައްވަވާފައެވެ. ބަގީޗާގެ ވެރި މީހާ މޭބިސްކަދުރާއި، ކަދުރާއި އެހެނިހެން ވައްތަރުވައްތުގެ މޭވާތައް ބިންނަމުން ދާއިރު ވެސް އެ ދެ ބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ.

އާޔަތުގައި މިވަނީ ވަރަށް ފުރިހަމައަށް އެ ބަގީޗާ އާއި ބަގީޗާގެ ތެރޭގައި ދަނޑުބިން ގުޅިފައިވާ ގޮތުގެ ތަޞްވީރެއް ކުރައްސަވާ ދެއްވާފައެވެ. އެ ބަގީޗާ ގައި މޭބިސްކަދުރު ހުއްޓެވެ. އަދި ދެ ބަގީޗާގެ ވެސް ވަށައިގެންވަނީ ކަދުރު ރުކުގެ ފާރެއް ލެވިއެވެ. އެހެންކަމުން ބަގީޗާއި ތަރުކާރީ އާއި ވައްތަރު ވައްތަރު މުގާއި، މިނޫނަށް މިފަދަ އެތައް ބާވަތްތަކެއް ހުއްޓެވެ. އަދި ހަމައެފައިން ދެ ބަގީޗާގައި ވަ ފެންކޯރު ވަނީ އެ ކޯރުގެ ފަރުޢު ތައް އެކި ދިމަދިމާޔަށް ދަތުރު ކޮށްފައެވެ.

ކާފަރު މީހާ އޭނާގެ މިބަގީޗާ އާއި މެދު ބޮޑާވެ ކިބުުރުވެރި ވިއެވެ. އަދި އެދެ ބަގީޗާ އާއި މެދު ފަޚުރުވެރި ވިިއެވެ. އަމިއްލަ ނަފުސަށް އަނިޔާވެރި ނިޢުމަތައް ދެއްވި ޚާލިޤަށް ކާފިރުވެ އެހެން މީހުންގެ މައްޗަށް ބޮޑާވެގެންވާ ޙާލު ބަގީޗާއަށް ވަނެވެ. އޭނާ ބުންޏެވެ. މި ދެ ބަގީޗާ އަކީ ތާ އަބަދަށް ދާއިމަށް ދެމިގެންވާ ދެ ބަގީޗާ އެވެ. ދުވަހަކުވެސް ހަލާކުވުމެއް ނުވެއެވެ. މީސްތަކުންގެ ތެރޭގައި ހުރި އެންމެ މުއްސަދި އަދި އެންމެ އުފާވެރިކަން ބޮޑު މީހަކީވެސް ތިމަންނާއެވެ. ހުރިހާ އެއްޗަކީ ވެސް އެއީ އެވެ. މަޙްޝަރު ކުރެއްވުމެއް އާޚިރަތް ދުވަހެއް ނޯވެއެވެ. މި ދެ ބަގީޗާ ފިޔަވައި އެހެން ބަގީޗާއެއް ނުވެއެވެ.

އޭނާގެ އެކުވެރި މުއުމިނު މީހާއަށް އޭނާގެ ބޮޑާކަމާއި ކިބުރެވިކަން އެނގުމުން، މާތް ﷲ މަތިން ހަނދާން ކޮށް ދިނެވެ. މާތް ﷲ އަށް އީމާންވެ ޝުކުރު ވެރިވުމަށް ގޮވައިލިއެވެ. އެކަލާނގެ އަށް ބަރޯސާވެ އޭނާގެ ދެ ބަގީޗާގެ މައްޗަށް ބަރޯސާ ނުވުމަށް ނަޞީޙަތްތެރި ވިއެވެ. އަދި މިފަދައިން ބުނުމަށް އިރުޝާދު ދިނެވެ. {مَا شَاءَ اللَّهُ لاَ قُوَّةَ إِلاَّ بِاللَّهِ} (الكهف: 39) މާނައަކީ:" اللَّه އިރާދަކުރެއްވި ކަމެއްވާނެއޭ ބުނާށެވެ." އަދި ބާރުގަދަ ވައިރޯޅިއެއް ނުވަތަ ހޮނު ގުގުރިއެއްގެ ސަބަބުން އޭނާ އެ ފަޚުރުވެރިވާ ބަގީޗާ އަނދައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދިނެވެ.

އެހެން ނަމަވެސް މި ބޮޑާ ކާފިރު ކަލޭގެވަނީ އޭނާ އަށް ލިބިފައިވާ ތަނަވަސްކަމުގެ ތެރޭގައި ރަނގަޅަށް މަސްތުވެފައެވެ. އެކުވެރިޔާ އެދިން ނަޞީޙަތެއް އަޑެއް ނާހާ، އޭނާގެ ބޮޑާކަމައި ކިބުރުވެރިކަން އިތުރު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ މުއުމިނު އެކުވެރިޔާ ބުނިފަދައިން ހޮނު ގުގުރިއެއްގެ ސަބަބުން އޭނާ އެ ފަޚުރުވެރިވަމުން ދިޔަ ދެބަގީޗާ އަނދައި އަޅިޔަށް ވެގެން ދިޔައެވެ. ދެ ބަގީޗާގައި ރޯކަން ހުރި އެއްވެސް އެއްޗެއް ނެތިގެން ދިޔައެވެ. މިކަން ހިނގައިގެން ދިޔައީ ރޭގަނޑެއްގެ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

ކާފިރު ކަލޭގެއަށް މިފަދަ ކަމެއް ހިނގައިގެން ދިޔަ ކަމުގެ އެއްވެސް ލިބިފައި ނުވާ ޙާލު އޭނާގެ ކިބުރުވެރިކަމާއި، ބޮޑާކަމާއެކު ބަގީޗާއަށް ދިޔައެވެ. ބަގީޗާ އަށް ވަންއިރު އެ ދެ ބަގީޗާ ވަނީ އަނދާއަޅިޔަށް ވެފައެވެ. ދިރުން ހުރި އެއްވެސް އެއްޗެއްނެތެވެ. އޭނާގެ ދެ އަތް ކޮޑު ހުޅުން ލުހިގެން ދިޔަ ކަހަލައެވެ. ލިބިފައިވާ ގެއްލުން އިޙްސާސް ވެގެން ދިޔައެވެ. އޭނާގެ އެކުވެރި މުއުމިނު މީހާގެ ނަޞޙީތް ޤަބޫލު ކުރެވުނު ނަމައޭ ހިތައް އެރިއެވެ. ނަމަވެސް ކޮން އިރަކު ހެއްޔެވެ؟ ވަގުތު ފާއިތު ވުމަށް ފަހު ހެއްޔެވެ؟ މި ވާހަކައަށް ތަޢްލީޤު ކުރައްވަމުން އެންމެ ފަހު އާޔަތުގައި މާތް اللَّه ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.

{هُنَالِكَ الْوَلاَيَةُ لِلَّهِ الْحَقِّ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا} (الكهف: 44)

މާނައަކީ:" އެތާނގައި (އެބަހީ: قيامة ދުވަހުން) އެހީތެރިކަން ދެއްވުން ملك ވެގެންވަނީ، حق ވަންތަ اللَّه އަށެވެ. އެކަލާނގެއީ، ثواب ދެއްވުމުގައި އެންމެހެޔޮ ރަސްކަލާނގެއެވެ. އަދި އެންމެފަހުގެ ނިމުން ދެއްކެވުމުގައި، އެންމެހެޔޮ ރަސްކަލާނގެއެވެ."

ނޯޓް: މިއީ ދިއިސްލާމް.ކޮމް ގައި ޝާއިއު ކޮށްފައިވާ ލިޔުމެއްގެ އަސްލެވެ.