ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ލެ ހާވްރާ އަތުން 4-1 އިން މޮޅުވެ, ޕީއެސްޖީއިން އައު ސީޒަން ތަފާތު ބޮޑު މޮޅަކުން ފަށައިފިއެވެ.
ލެ ހާވްރާގެ ދަނޑު ކަމުގައިވާ ސްޓޭޑް އޯޝިއަންގައި ކުޅުނު މެޗު ޕީއެސްޖީއިން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެ ގޮތުން މެޗު ފެށިގެން އެންމެ 3 މިނެޓު ތެރޭގައި އެ ޓީމުން ވަނީ ލަނޑު ޖަހާ, މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލީ ކޭންގް-އިން އެވެ.
މެޗުގެ ދެވަނަ ހާފުގެ 48 ވަނަ މިނެޓުގައި ލެ ހާވްރޭއިން ވަނީ ލަނޑެއް ކާމިޔާބުކޮށް އުއްމީދު އައު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ގައުޓިއާ ލޮރިސް އެވެ.
ޕީއެސްޖީއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގުނީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އުސްމާން ޑެމްބެލޭ އެވެ. އޭގެ ދެ މިނެޓު ފަހުން ބްރޭޑްލީ ބާކޯލާ ވަނީ ލަނޑު ޖަހާ, ޕީއެސްޖީގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މެޗުގެ 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށް, ރަންޑަލް ކޯލޯ މުއާނީ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ ފަހު 10 މިނެޓު ތެރޭ ކާމިޔާބު ކުރި ތިން ލަނޑާއެކު ޕީއެސްޖީއިން ވަނީ އައު ސީޒަނުގެ ފުރަތަމަ މެޗު ބޮޑު ފަރަގަކުން ކާމިޔާބުކޮށް, އެހެން ޓީމުތަކަށް ވަރުގަދަ މެސެޖެއް ރައްދުކޮށްފައެވެ.
ފްރެންޗް ލީގުގައި މިރޭ 20:00 ގައި ބްރެސްޓް އަދި މާސޭ ބައްދަލު ކުރާ މެޗު އޮންނާނެއެވެ. އޭގެ އިތުރުން 22:00 ގައި ލިލް އަދި ރެއިމްސް ބައްދަލު ކުރާ މެޗު ވެސް މިރޭ އޮންނާނެއެވެ.