ޏ. ފުވައްމުލަކުގައި މިހާރު ކުރިއަށް ގެންދަމުންދާ ރައްކާ ރޯޑް ޝޯގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު ބާއްވައިފިއެވެ.

އިއްޔެ ހަވީރު ފުވައްމުލަކު ސިޓީ ޒުވާނުން މަރުކަޒު ދަނޑުގައި ބޭއްވި ހަވީރު ޝަރަފުވެރި ކޮށްދެއްވީ ފުވައްމުލަކު ސިޓީގެެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީ އެވެ. މި ހަވީރުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޅިވަރުގެ ތަފާތު އެކިއެކި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އެ ގޮތުން ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުވައްޒަފުންނާއި ފުވައްމުލަކު ސިޓީ ފުލުހުން ގުޅިގެން، ވޯޓަރ ސްލައިޑް އަދި ޕޮލިސް ސައިކަލުގައި ފުލުހުންގެ ޔުނީފޯރމްގައި ފޮޓޯ ނެގުމަށް ޓަކައި ހާއްސަ ސްޓޯލެއް ވަނީ ބަހައްޓާފައެވެ.

މި ހަވީރަށް ޒިޔާރަތްކުރި ކުޑަ ކުދިންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ނަގާ، އެ ލަކީ ޑްރޯއިން ހޮވުނު ތިން ކުއްޖަކަށް ޕްލޭޓައިމްސް އަދި ސުވާންކީގެ ފަރާތުން ހަދިޔާ ދީފައިވެއެވެ. މީގެއިތުރުން, މި ހަވީރުގައި ބަހައްޓާފައިވާ މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ޕީޓީއޭގެ ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ނެގުނު ލަކީ ޑްރޯގެ ނަސީބުވެރި ފަރާތަށް 500 ރުފިޔާގެ ވައުޗަރެއް ހަދިޔާކޮށްފައިވެއެވެ.

ތަފާތު އެކިއެކި ކުޅިވަރު ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ މި ހަވީރުގައި އެކި އުމުރުފުރާގެ އާއްމުންގެ އިތުރުން ރޯޑު ސޭފްޓީ އެވެއަރނެސް އެންޑް ޕްރިވެންޝަން ހެޑް ސުޕަރއިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ފަސީހް އަދި ފުވައްމުލަކު ސިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ފަސީލް ވަނީ ބައިވެރިވެވަޑައިގަންފައެވެ.