އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި އަލަށް ޕްރޮމޯޓްވި އިޕްސްވިޗް ޓައުން 2-0 އިން ބަލިކޮށް ލިވަޕޫލުން "ސްލޮޓް އެރާ" މޮޅަކުން ފަށައިފިއެވެ.
އިޕްސްވިޗްގެ ދަނޑު ކަމުގައިވާ ޕޯޓްމޭން ރޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އިޕްސްވިޗް ޓައުންއިން ވަނީ ވަރުގަދަ ލިވަޕޫލު މަތަކޮށް, ގޯލު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އެ ޓީމަށް ނުހިފުމުން, ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 އިން އެއްވަރުވެގެންްނެވެ.
ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, ފުލުފުލުން އިޕްސްވިޗް ޓައުންގެ ގޯލާ އަމާޒުކޮށް ހަމަލާތައް ފޮނުވާފައެވެ. އެ ގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ލިވަޕޫލުގެ އިތުބާރުހިފޭ ސްޓްރައިކަރު ޑިއޯގޯ ޖޯޓާ ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު އެ ޓީމަށް ނަގައިދީފައެވެ. ޖޯޓާ, މި ލަނޑު ކާމިޔާބު ކުރީ, މުހައްމަދު ސޮލާހު ޖައްސާލަ ރީތި ޕާހެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ޖޯޓާ, ލިވަޕޫލަށް ލީޑު ނަގައިދިންތާ 5 މިނެޓް ފަހުން ސަލާހު ވަނީ ލަނޑު ޖަހާ ލިވަޕޫލުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. ސަލާހު, ކާމިޔާބު ކުރި މި ލަނޑާއެކު އޭނާ މިހާރު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަނެއްގެ ފުރަތަމަ މެޗުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އޭނާ މި މަގާމު ހޯދީ ޕްރިމިއާ ލީގުގައި އައު ސީޒަނުގެ ފުރަތަމަ މެޗުގައި ޖުމަލް 9 ލަނޑު ކާމިޔާބު ކޮށްގެންނެވެ.
ސަލާހު ކާމިޔާބު ކުރި ލަނޑާއެކު ލިވަޕޫލުން ވަނީ ފަސޭހަކަމާއެކި އިޕްސްވިޗް ހިފަހައްޓާލައި "ސްލޮޓް އެރާ" ގެ ދަށުން ކުޅުނު ފުރަތަމަ ޕްރިމިއާ ލީގު މެޗު ކާމިޔާބު ކޮށްފައެވެ.
މި ސީޒަނަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އިޕްސްވިޗް ޓައުންއަށް މެޗު ކާމިޔާބު ނުކުރެވުނު ކަމުގައިވިއަސް, އެ ޓީމުގެ ސަޕޯޓަރުން ވަނީ ވަރުގަދަ ލިވަޕޫލުގެ ކުރިމަތީގައި ކުޅުންތެރިން ދެއްކި ވަރުގަދަ އަޒުމާއި ހިތްވަރަށް ތައުރީފު ކޮށްފައެވެ.